ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލްގެ ފަހު ޖާގަ އެތުލެޓިކް ބިލްބާއޯއިން ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލުން ބިލްބާއޯ ޖާގަހޯދީ ސެމީފައިނަލްގައި ލެވެންޓޭއާއި ބައްދަލުކޮށް ކުޅުނު ދެ ލެގަށް ބަލާއިރު 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތިޖާއަކުން ކުރި ހޯދާއިގެންނެވެ.
ލެވެންޓޭގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބިލްބާއޯއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ފައިނަލްގެ އުންމީދު އާކުރީ ލެވެންޓޭއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރޮޖަރ މާޓީއެވެ. ނަމަވެސް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ބިލްބާއޯއިން ވަނީ މެޗުގެ 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރައުލް ގާސިއާއެވެ. މިމެޗުން ބިލްބާއޯ މޮޅުވި ލަނޑު ޖަހާފައިވަނީ 90 މިނެޓްގެ ކުޅުން ހަމަވި އިރު ނަތިޖާއަށް ބަދަލެއް ނައުމުން ކުޅުނު 30 މިނެޓްގެ އިތުރު ދެ ހާފްގެ ކުޅުމުގެ ތެރޭގައެވެ. މިލަނޑު މެޗުގެ 112 ވަނަ މިނެޓްގައި ޖަހައިދިނީ ބެރެންގުއަރ ރެމިރޯއެވެ.
މިކާމިޔާބީއާއެކު ބިލްބާއޯއަށް މިވަނީ މިއަންނަ މަހު ކުޅޭ ދެ ފައިނަލްގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ. އެއީ މިދިޔަ ސީޒަންގެ ކޮޕާ ޑެލްރޭގެ ފައިނަލް މެޗުވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ފަސް ކުރެވި މިހާތަނަށް ނުކުޅެވި އޮތުމުންނެވެ. މިގޮތުން ސެވިއްޔާގައި ކުޅޭ މިދިޔަ ސީޒަންގެ ފައިނަލްގައި އެޕްރީލްމަހުގެ 3 ވަނަ ދުވަހު ބިލްބާއޯ ނިކުންނާނީ ރެއާލް ސޮސިއެދާދާއި ދެކޮޅަށެވެ. އަދި އެޕްރީލް މަހުގެ 17 ވަނަ ދުވަހު ކުޅޭ މިފަހަރުގެ ކޮޕާ ޑެލްރޭގެ ފައިނަލްގައި އެޓީމް ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
މިސީޒަންގެ ސްޕެނިޝް ސުޕަރ ކޮޕާގެ ފައިނަލްގައި ބާރސާ އާއި ބިލްބާއޯވަނީ މިއަހަރުގެ ޖެނުއަރީމަހު ބައްދަލުކޮށްފައެވެ. އެމެޗް ކާމިޔާބުކޮށް ސުޕަރ ކޮޕާވަނީ ބިލްބާއޯ އުފުލާލާފައެވެ. އަދި މިސީޒަންގައި ކޮޕާ ޑެލްރޭގެ ދެ ތަށި އެއް މަހެއްގައި އުފުލާލުމުގެ ފުރުސަތުވެސް ބިލްބާއޯއަށް މިވަނީ ލިބިފައެވެ.