ދުނިޔެ

އެމެރިކާގެ ބިޔަ ސްޓިމިއުލަސް ޕެކޭޖް، ބައެއް ބަދަލުތަކުން އެހީ ލިބޭވަރު ދަށަށް


އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކުލަވާލައްވާފައިވާ ކޯވިޑް-19 ސްޓިމިއުލަސް ޕެކޭޖަށް ގެނައި ބަދަލުތަކުގެ ސަބަބުން، ކުރީގެ ރައީސް ޓްރަންޕުގެ ވެރިކަމުގައި ފައިސާގެ އެހީތެރިކަން ލިބުނު އެތައް މިލިއަން ގޭބިސީތަކަށް އިތުރު އެހީތެރިކަން ނުލިބޭނެކަމަށް މާހިރުން ބުނެފިއެވެ.

ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުން އެމެރިކާގެ ރައްޔިތުން އަރައިގަތުމަށް އެހީތެރިވުމަށް ރައީސް ބައިޑަންވަނީ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ޕެކޭޖެއް އިޢުލާނުކުރައްވާފައެވެ. އެ ޕެކޭޖުގެ ދަށުން ކުޑަކުދިން ހިމެނޭގޮތަށް އެމެރިކާގެ ރައްޔިތުންނަށް 1،400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށް އޮތީ ކަނޑައަޅާފައެވެ. ނަމަވެސް މިހާރުވަނީ އަހަރަކު 80،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ މީހުންނާއި، 160،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ދެމަފިރިންނަށް އެ ޕެކޭޖުގެ ދަށުން ފައިސާ ނުލިބޭގޮތަށް އުނިކޮށްފައެވެ.

އެ ބަދަލާއެކު އައު ޕެކޭޖުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭ ގޭބިސީގެ ޖުމްލަ ޢަދަދުން ގާތްގަނޑަކަށް ނުވަ މިލިއަން ގޭބިސީ އުނިވާނެއެވެ. ކުރިން އެހީތެރިކަން ލިބޭނެކަމަށް ބަލާފައިވާ މީހުންގެ ޢަދަދުން 11.8 މީހުންނާއި 4.6 މިލިއަން ކުޑަކުދިންނަށް އައު ޕެކޭޖުގެ ދަށުން އެހީތެރިކަން ނުލިބޭނެއެވެ. އެ ފަރާތްތައް އުނިކުރި ނަމަވެސް 200 މީހުންނާއި 80 މިލިއަން ކުޑަކުދިންނަށް ޕެކޭޖުގެ ދަށުން ޗެކު ދޫކުރާނެއެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުންގެ ތެރެއިން އާމްދަނީ ލިބޭ ނިސްބަތަށް ބަލާނަމަ އާމްދަނީ އެންމެ ދަށް މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް މި ޕެކޭޖުން އެހީތެރިކަން ލިބޭނެކަން ޔަޤީނެވެ.

ޕެކޭޖަށް ގެނައި ބަދަލުގެ ސަބަބުން އެ ޕެކޭޖުގެ ޖުމްލަ ޢަދަދުން 13 ބިލިއަނާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ޚަރަދެއް ސަލާމަތްވާނެއެވެ. އެއީ އެ ޕެކޭޖުގެ ޖުމްލަ ޢަދަދުގެ ގާތްގަނޑަކަށް އެކެއް އިންސައްތައެވެ. 2020ވަނަ އަހަރުގެ ތެރޭގައި 162 މިލިއަން ގޭބިސީއަކަށް އެމެރިކާގެ ސަރުކާރުގެ ފަރާތުންވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.