ޚަބަރު

އަދީބު ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއީދުކޮށްފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހްމަދު އަދީބް
ފަނަރަދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ކުރި އަމުރަށް ހައިކޯޓުން
ތާއިދްކޮށްފިއެވެ. 



އެކޯޓުން މިގޮތަށް ނިންމާފައިވަނީ
ބަންދުގެ މުއްދަތު އިތުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި ހިލާފަށްކަމަށް
ބުނެ އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި
އަދީބްގެ ފަރާތުން ހުށައެޅި މައްސަލަ ނިންމާ މިއަދު އިއްވި ހުކުމްގައެވެ.  މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ
އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ ދަށުކޯޓްގެ އަމުރަކީ ޝަރުއީ އަދި
ގާނޫނީ އުސޫލަކާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް
ނެތްކަމަށެވެ. 



ދަށުކޯޓްގެ ނިންމުން ބާތިލްކުރުމަށް
އަދީބްގެ ފަރާތުން ހުށައެޅި މި މައްސަލައިގެ އަޑުއެހުންތައްވެސް އަދި ހުކުމް
އިއްވި މަޖިލިސްވެސް ކުރިޔަށް ގެންގޮސްފައިވަނީ  އަދީބް ދޫނިދޫގައި ބަހައްޓަވައިގެން  ވީޑިއޯ ކޮންފްރެންސް މެދުވެރިކޮށެވެ. 



ކޮރަޕްޝަންގެ މައްސަލައެއްގައި އެމްއެމްޕީއާރްސީގެ ކުރީގެ
އެމްޑީ އަބްދުﷲ  ޒިޔަތުގެ ބަންދުގެ
މުއްދަތު އިތުރުކުރި މައްސަލައިގެ
އިސްތިއުނާފް އަޑުއެހުމެއްވެސް މިއަދު ހައިކޯޓްގައި ބާއްވާފައިވެއެވެ. ޒިޔަތުވެސް
ދަށުކޯޓްގެ ނިންމުން އިސްތިއުނާފްކޮށްފައިވަނީ އެނިންމުމަކީ ގާނޫނީ އަދި ޝަރުއީ
އުސޫލްތަކާއި ހިލާފު ނިންމުމެއްކަމަށް ބުނެެއެވެ. މި މައްސަލައިގެ އަޑުއެހުންތައް
މިއަދު ވަނީ ނިންމާލާފައެވެ. 



ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި
މައްސަލައިގެ ތަހްގީގަށް ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކޮށްފައިވާއިރު
އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ ވަނީ 
ރައްޔިތުން މަޖްލީހަށް ހުށައަޅާފައެވެ.