ދީން

ހަރުކަށި ފިކުރުގެ ސަބަބުން ގޮންޖެހުން ކުރިމަތިވޭ- ހޯމް މިނިސްޓަރ


ދީނީ ހަރުކަށި
ފިކުރުގެ ސަބަބުން ދާޚިލީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިމަތުންދާކަމަށް ހޯމް
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.  

ސައުދީ
ސަރުކާރާ ދިވެހި ސަރުކާރު ގުޅިގެން ބާއްވާ އިސްލާމީ ކަންތައްތަކުގައި މެދުމިނަށް
އަމަލުކުރުމާ ގުޅޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ
ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ސައްތައިން ސައްތަ
އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ ޒަމާނުންސުރެ ދެމިއޮތީ ޚާރިޖީ ބޮޑެތި
ގޮންޖެހުންތަކަކާ އެކުގައިކަމަށެވެ. 

އަދި މިހާރުވެސް އެފިއްތުންތައް
ބައިނަލްއަޤުވާމީ މުޖުތަމައުން ކުރިމަތިވަމުންދާކަމަށާ، މިގޮންޖެހުންތަކުން
އަރައިގަތުމަށް ދީނުގެ މެދުމިން އުނގަންނައި ދިނުމުގެ މުހިންމުކަން މިނިސްޓަރ
ފާހަގަކުރެއްވިއެވެ. އަދި ހަރުކަށި ފިކުރު އިސްކުރުމުގެ ސަބަބުން ދިމާވާ ދާޚިލީ ބޮޑެތި
ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މެދުމިނުގެ ފިކުރަށް އާންމުރައްޔިތުން
ހޭލުންތެރިކޮށް، މެދުމިނުގެ އެސޫލުތައް އުގަންނައިދިނުން މުހިންމުކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.

ރާއްޖެ 100 އިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް
ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އެގޮތުގައި ދެމިއޮތުމުގައި ސައުދީ
އަރަބިއާއިން މުހިންމު ދައުރެއް އަދާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރުވަނީ
ދީނުގައި މެދުމިން ޚިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ
ވާހަކަފުޅުދައްކަވާފައެވެ. 

މި ހަފްލާފައި
ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަށް މަދީނާ ޔުނިވާސިޓީގެ ފަރާތުން ވަނީ ޝަރަފުގެ
ވެދުމެއްވެސް އަރުވާފައެވެ. އެގޮތުން ހޯމް މިނިސްޓަރ އުމަރު ނަސީރަށާއި، އިސްލާމިކް
މިނިސްޓަރ ޑރ. ޒިޔާދު ބާޤިރަށާއި، އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް،
އަދި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމަށް ވަނީ މި ވެދުން އަރުވާފައެވެ. 

އިސްލާމް
ދީނުގެ މެދުމިނުގެ އުސޫލުތައް ކުރިއެރުމާއި، އެއުސޫލުތަކަށް އަމަލުކުރުމަށް
ބާރުއެޅުމަށް ދެޤައުމުގެ ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ މި ސެމިނާގައި މަދީނާ
ޔުނިވާސިޓީގެ ޑިރެކްޓަރާއި، މަދީނާ ޔުނިވާސިޓީގެ ގިނައަދަދެއްގެ ޢިލްމުވެރިން
ބައިވެރިވެވަޑައިގަންނަވާ. އިދި ރާއްޖޭގެ ގިނައަދަދެއްގެ ދީނީ ޢިލްމުވެރިންވެސް
މިސެމިނާގައި ބައިވެރިވެވަޑައިގަންނަވާ.