ޚަބަރު

ރައްޔިތުން ގަބޫލުކުރަންވާނީ ފުލުހުންގެ ރިޕޯޓްތައް - ދުންޔާ


ރައީސުލްޖުމްހޫރިއްޔާއަށް
އަމާޒުކޮށް ރިޔާސީ ލޯންޗުކޮޅުގައި ދިން ހަމަލާގެ ތަޙްގީގަށް ބޭރުގެ ފަރާތްތަކުން
އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ތަޙްގީގް ކުރިއަށް ގެންދަނީ ދިވެހި
ފުލުހުންކަމަށާއި، އެހެންކަމުން ރައްޔިތުން ގަބޫލްކުރަންޖެހޭނީ ފުލުހުންގެ
ތަހްގިގަށް ހާމަވާ ކަންތައްތައްކަމަށް ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމަށް ދެއްވީ ޚާއްސަ ބަސްދީގަތުމެއްގައި ދުންޔާ ވިދާޅުވީ، ރައީސްއަށް
އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސްރީލަންކާ އަދި ސައުދީއަރަބިޔާގެ ފޮރެންސިކް
ޓީމުތަކުން، ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލާފައިވަނީ، އާރުޑީއެކްސް ނުވަތަ ބާރުގަދަ ގޮއްވާލުމެއްކަން
ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާގެ އެފްބީއައި ޓީމުން ޔަގީންކަމާއި އެކު އެއީ
ގޮއްވާލުމެއްކަން ބުނަން ނޭގުމަކުން އެކަމަށް ބުރަވަން ނުޖެހޭނެކަމަށެވެ. 

މިތަހްގީގް
ކުރިއަށް ގެންދަނީ ދިވެހި ފުލުހުންކަމަށްވާތީ ރައްޔިތުން ބުރަވާންވާނީ ދިވެހި
ފުލުހުންގެ ތަޙްގީގަށް ހާމަވާ ކަންކަންކަމަށް ދުންޔާ ވިދާޅުވިއެވެ. 

ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި،
ރާއްޖެއިން ހަތިޔާރުތަކެއް ފެނުނު މައްސަލަ ބޭރުގެ ޑިޕްލޮމޭޓުންނަށް
ސާފުކޮށްދީފައިވާނެކަމަށެވެ. އެގޮތުން ކޮޅުނބުގައި ބޭރުގެ ފަންސަވީހަކަށް
ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހް ތަފްސީލްކޮށް
ވިދާޅުވެފައިވާނެކަމަށެވެ. 



ދުންޔާ ވިދާޅުވީ، އިންޑިއާގެ
ހިންދޫ ނޫހަށް އެކަމަނާ ދެއްވި އިންޓަވިއުއެއް އޮޅޭގޮތަށް ޚަބަރު
ފަތުރާފައިވާކަމަށާއި، އެކަމަނާ ވިދާޅުވެފައިވާނީ، ރައީސް އަބްދުﷲ ޔާމީނަށް
އަމާޒުކޮށް ދިން ހަމަލާއަކީ  މިހާތަނަށް
ޓެރަރިސްޓު ނުވަތަ ރޭވިގެން ސަރުކާރު ވައްޓާލުމަށް ދިން ހަމަލާއެއްކަން ބުނަން
ނޭނގޭކަމަށާއި، އެކަން ޔަގީންވާނީ ތަހްގީގަށް ހައްޔަރުކޮށްފައި ތިބި ފަރާތްތަކުގެ
މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ތަޙްގީގަށް ފޮނުވައި ދައުވާ އުފުލުމުންކަމަށެވެ. 



ދުންޔާ ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އެފަރާތްތަކާއިމެދު
ސަރުކާރުން ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.