ޚަބަރު

މިދިޔަ 5އަހަރުގެ ދަޢުރުގައި ނިންމުނީ، ބޯހިޔާވަހިކަމުގެ %2 މަސައްކަތް - އަސްލަމް


މިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި، 5 އަހަރުގެ ދަޢުރުގައި ނިންމުނީ %2 މަސައްކަތްކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކާއި، އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް، މި ދާއިރާގެ ވަޒީރާ ބައެއް މުޢައްސަސާތައްވަނީ، މަޖިލީހުގެ ޤައުމީ ތަރައްޤީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުގެ 5 އަހަރުގެ ދަޢުރުގައި 21828 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމިކަމަށެވެ. މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދިއުމަށް ނިންމި މަސައްކަތްތަކެއްކަމަށެވެ. އެގޮތުން މި މަޝްރޫޢުތައް 37 ކޮންޓްރެކްޓަރަކާ އޭރު ހަވާލުކުރިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް ބުނުމުން، 9120 ހައުސިންގ ޔުނިޓްގެ މަސައްކަތް އޭރު ބާތިލުކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޭރު ކުރިއަށްގެންދިއުމަށް ނިންމި 21828 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ދަށުން، ދަޢުރު ނިމުނުއިރު ނިންމާފައިވަނީ 395 ޔުނިޓްކަމަށެވެ.

"21828ޔުނިޓްގެ މަސައްކަތް 37 ކޮންޓްރެކްޓަރުންނާ ހަވާލުކުރީ. އެއީ ސަރުކާރުން ބައިވެރިވެ ބިން ދީގެން ހިންގަން ނިންމި މަސައްކަތް. ނަމަވެސް ސޮއިކުރެވި ނިމުނީ %2 މަސައްކަތް. އެއީ 395 ޔުނިޓް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިންގި އެންމެ ބޮޑު ހައުސިންގ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫޢުގެ މަސައްކަތެވެ. ނަމަވެސް މި ސަރުކާރު ހަވާލުވިއިރު މުޅިން ނިމިފައިވަނީ ޕްރޮޖެކްޓްގެ %46 މަސައްކަތެވެ. ކޮންކްރީޓް މަސައްކަތްތައް ނިމުނު ނަމަވެސް، ޔުޓިލިޓީއާއި އިންޓީރިއާ މަސައްކަތްތައް ނިމިފައި ނުވާތީ މި ފްލެޓްތައް އަދިވެސް ހަވާލުކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު ޔުޓިލިޓީ މަސައްކަތްތައް ނިންމައި މިމަހު ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް، ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މީގެކުރިންވަނީ ވިދާޅުވެފައެވެ.