ފަންނީ ދާއިރާއިން މީހުން ބިނާކުރުމުގައި އެހީވުމަށް ޖަޕާނު ސަރުކާރުން ރާއްޖޭގެ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ" އެމް.އައި.ޓީއަށް 2 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އެހީއަކީ ޖަޕާނު ސަރުކާރުން ދެމުން އަންނަ "ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" ޖީޖީޕީގެ ދަށުން ފޯރުކޮށްދީފައިވާ އެހީތެރިކަމެކެވެ. މި އެހީގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އިންސްޓިއުޓްގެ ޕްރޮގްރާމް ޑައިރެކްޓަރ އާދަމް ޙަލީމްއެވެ.
މި އެހީއަކީ ކޮލެޖުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވެދިން އެހީއެކެވެ. އެގޮތުން 87 ޓްރެއިނިންގ އިކުއިޕްމަންޓް ހޯދުމަށްވަނީ ހަމަޖެހިފައެވެ. މި އެހީގައި އެ އިންސްޓިއުޓްގައި ހިންގާ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ، ލޭންޑް ސަރވޭ، މެކޭނިކަލް އަދި ސިވިލް އިންޖިއަރިންގެ ދާއިރާގެ ކޯސްތައް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއައިޓީއަކީ ރާއްޖޭގައި އަމަލީ މައިދާނުގައި މަސައްކަތްކުރާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާ އިންސްޓިއުޓެކެވެ. ޚާއްސަކޮށް ވަޒީފާގެ މައިދާނަށް އަންހެނުން ނެރުމަށްޓަކައި ޚާއްސަ ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ މި އިންސްޓިއުޓްއަކީ މުހިންމު ތަމްރީންތަކެއް ހިންގޭނެ ތަނެއްނަމަވެސް، އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތްކަން، އެ އިންސްޓިއުޓަށް ކުރި ޒިޔާރަތެއްގައި އިނގިގެން ދިޔަކަމަށެވެ. މި އެހީއަކީ މިފަދަ ގޮންޖެހުންތައް ނައްތާލާ، ވީހާވެސް ގިނަ ދާއިރާތަކުން ތަމްރީން ދިނުމަށް މަގުފަހިކޮށްދިނުމަށް ދޭ އެހީއެއްކަމަށެވެ. މި އެހީގެދަށުން ޖުމްލަ ދެ މިލިއަން ދިހަހާސް ދުއިސައްތަ ސާލީސް ތިން ރުފިޔާވަނީ ދީފައެވެ.
ޖަޕާނުގެ ޖީޖީޕީ ޕްރޮޖެކްޓްގެ ދަށުން ތަޢުލީމާ، ތިމާވެއްޓާ ސިއްޙީ ދާއިރާއާ ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާއިން އެހީތެރިކަން ދީފައިވެއެވެ. މިހާތަނަށް ރާއްޖޭގައި ހިންގި މިފަދަ 23 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީ ދީފައެވެ.