ޚަބަރު

ކަރަންޓީނުގައި ތިބި ދަރިވަރުންނަށްވެސް އިމްތިޚާނުގައި ބައިވެރިވެވޭނެ: އެޑިއުކޭޝަން


ކޯވިޑް-19އަށް ޕޮޒިޓިވްވެ ކަރަންޓީންގައި ތިބޭ ދަރިވަރުންނަށްވެސް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވީނަމަވެސް އިމްތިޙާންތަކަށް ދަރިވަރުންނާއި މުދައްރިސުން އިންތިޒާރުކުރަމުން އަންނަކަމަށެވެ. އެހެންކަމުން މިޙާލަތުގައިވެސް އިމްތިޙާނުތައް ދެވެން އޮތް އެންމެ ރަނގަޅުގޮތަކަށް ދިނުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ އިމްތިހާންތައް ބޭއްވުމުގެ މަސައްކަތްކުރަނީ ކޯވިޑް-19ގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ. އަދި މިދަނޑިވަޅުގައި ކުރިމަތިވެދާނެ ޙާލަތްތަކަށް މިދިޔަ އަހަރުގެ އިމްތިހާނުގައި ކުރެވުނު ތަޖުރިބާއަށް ބެލުމަށްފަހު އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުވެސް ޕޮޒިޓިވްވާ ދަރިވަރުންނަށް ކަރަންޓީންގައި ތިބެގެން ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށާއި އަދި ދަރިވަރުންގެ ތެރެއިން މޭއި ޖޫންގެ އިމްތިޙާނު ފަސްކުރަން ބޭނުންވާ ދަރިވަރުންނަށް އެގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވެއެވެ.

"މިދިޔަ އަހަރުވެސް ޕޮޒިޓިވްވި ދަރިވަރުން ޓެސްޓު ހެދި. މިދިޔަ އަހަރުގެ ތަޖްރިބާއަށް ބެލުމަށްފަހު މިއަހަރުވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޕޮޒިޓިވްވެގެން ކަރަންޓީންގައި ތިބޭ ދަރިވަރުންނަށްވެސް އިމްތިޙާންގަ ބައިވެވެވޭނެ ފުރުސަތު ހޯޑައިދިނުމަށް. އަދި ޓެސްޓު ފަސްކުރަން ބޭނުން ކުދިންނަށް ފަހުން އިމްތިޙާނު ހެދޭނެ ގޮތްވެސް ހަމަޖައްސައިދިނުމަށް މިދަނީ މަސައްކަތްކުރަމުން." އިޙްސާން ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ އެޑެކްސެލްގެ އޭލެވެލް އިމްތިޙާނު ތަވަލާއެއްގޮތަށް ކުރިއަށްގެންދިޔުމަށް މިހާރުވަނީ ނިންމަވާފައެވެ. އިމްތިޙާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން އަދި ސްކޫލްތަކުން ބައިވެރިވާ ދަރިވަރުން މިކަމަށް ސަމާލުވުމަށާއި އެޕްލިކޭޝަންގެ މުއްދަތު އިތުރުކުރެވެން ނެތްކަން އެޑިއުކޭޝަނުން ފާހަގަކުރައްވައެވެ. ސަބަބަކީ ކޯވިޑް-19ގެ ސަބަބުން ޓެސްޓު ޕޭޕަރުތައް ރާއްޖެ ގެނެސް އަތޮޅުތެރޭގެ އިމްތިޙާނު މަރުކަޒުތަކަށް ފޮނުވުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެތީކަމަށް އެޑިއުކޭޝަނުން ހާމަކުރައްވައެވެ.

މިއަހަރުގެ އޭލެވެލް އިމްތިޙާނު މޭއިމަހުގެ 5 އިން ޖޫންމަހުގެ 17ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ކުރިއަށްގެންދާ އެޗްއެސްސީ އިމްތިޙާނު ޖޫންމަހުގެ 27 އިން 30އަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ.