ވިޔަފާރި

މިދިޔަ 6 މަސްދުވަހު މުމްބާއީން އެކަނިވެސް 56000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް


އިންޑިއާގެ މުމްބާއީން ފާއިތުވި 6 މަސްދުވަސްތެރޭގައި 56000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވާކަމަށް މުމްބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.

މުމްބާއީ އިންޓަރނޭޝަލް އެއަރޕޯޓާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ޝާޢިއުކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިދިޔަ އަހަރުގެ އޮގަސްޓުމަހު ސޮއިކޮށްފައިވާ ޓްރެވަލް ބަބުލް އެއްބަސްވުމުގެ ސަބަބުން މުމްބާއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވެފައިވާކަމަށެވެ. އޭގެ ސަބަބަކީ މި އެއްބަސްވުމާއެކު ރާއްޖެއަށް އެއަރލައިންތަކުން ސީދާ ދަތުރުތައް ފެށުމެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުތެރޭ އިންޑިއާގެ އިންޑިގޯ އަދި ގޯ އެއަރއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ގޯ އެއަރއިން މިހާތަނަށްވަނީ 410 ދަތުރު ރާއްޖެއަށް ކޮށްފައެވެ.

ރާއްޖެއަށް ފާއިތުވި 6 މަސްދުވަހު މުމްބާއީން 56000 އަށްވުރެ ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މީގެތެރެއިން 32000 މީހުން ދަތުރުކޮށްފައިވަނީ އިންޑިގޯ އެއަރލައިންސްއިންނެވެ.

މުމްބާއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން ބޮޑުވެފައިވާތީ، އިންޑިއާގެ އިތުރު އެއަރލައިންއަކުންވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެގޮތުން އަލަށް ދަތުރުތައް ފަށާފައިވަނީ ވިސްތާރާ އެއަރލައިނުންނެވެ. އެ އެއަރލައިނުން ވަނީ ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންދަނީ ޗުއްޓީއަށް ރާއްޖެއަށް އަންނަމުންނެވެ. އެގޮތުން މިހާރުވެސް ޝްރަދާ ކަޕޫރާއި ތަނީޝާ މުކަރުޖީފަދަ ތަރިންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ރާއްޖެއަށް ފާއިތުވީ 6 މަސްދުވަސްތެރޭ މުމްބާއީން ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އަންނަ ޤައުމަކީ އިންޑިއާއެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 45000 އަށްވުުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ހުސްވި އަހަރުތެރޭ އެޤައުމުން ރާއްޖެއަށްވަނީ 62000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.