ކުޅިވަރު

ތާވަލްގެ އެއްވަނައަށް އެރުމަށް މިލާނުން ކުރަމުންދާ އުންމީދު ފަނޑުވެއްޖެ


އިޓާލިއަން ސެރީއާގައި އުދިނޭސީ އާއި ބައްދަލުކުރިމެޗް އެއްވަރުވެ 2011 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް އޭ.ސީ. މިލާނުން ކުރަމުންދާ އުންމީދު ފަނޑުވެއްޖެއެވެ. މިލާންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ މިލާނުން އުފެއްދި ނަމަވެސް މިފުރުސަތުތައް ލަނޑަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗުގައި އުދިނޭސީއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ކާމިޔާބުކުރީ އުދިނޭސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ބެކާއޮއެވެ. މިމެޗްގައި މިލާނުން އެއްވަރު ކުރި ލަނޑު މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކޭސީއެވެ.

މިމެޗް އެއްވަރު ވުމުން މިލާނަށް މިހާރު ލިބިފައިވަނީ 25 މެޗުން 53 ޕޮއިންޓް ލިބިފައެވެ. މިއީ އެއްވަނައިގައި އުޅޭ އިންޓަރ މިލާނަށްވުރެ ތިން ޕޮއިންޓް މަދު އަދަދެކެވެ. އިންޓަރއަށް 24 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި މިރޭ ޕާރމާ އާއި ބައްދަލުކުރާމެޗް އިންޓަރ ކާމިޔާބުކޮށްފި ނަމަ އެޓީމަށް 6 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އުޅެނީ އިންޓަރއަށް ވުރެ 7 ޕޮއިންޓް ފަހަތުން ޕޮއިންޓް ތާވަލްގެ ތިންވަނައިގައެވެ.