ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލުން ބާސެލޯނާ ޖާގަހޯދައިފި


ސްޕެނިޝް ކޮޕާ ޑެލްރޭ ގެ ފައިނަލުން އެފް.ސީ. ބާސެލޯނާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ބާރސާ ޖާގަހޯދީ ސެމީ ފައިނަލްގައި ސެވިއްޔާ އާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ސެވިއްޔާ ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގްގެ މެޗް ބާރސާވަނީ އިތުރު ވަގުތު ކުޅެ 3 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހައިދިނީ ބާރސާގެ އުސްމާނޭ ޑެމްބެލޭއެވެ. މިމެޗްގެ 73 ވަނަ މިނެޓްގައި ސެވިއްޔާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީވަނީ ބާރސާގެ ކީޕަރ މާރކް އަންދްރޭ ޓާސްޓެގަން މަތަކޮށްފައެވެ. މި ނަތީޖާގައި އޮވެ ސެވިއްޔާ މި މުބާރާތުގެ ފައިނަލަށް ދިއުމާ ވަރަށް ގާތްވެފައިވަނިކޮށް މެޗްގެ އޮއިވަރު ބަދަލުވެގެންދިޔައީ މެޗުގެ އިތުރުވަގުތުގެ 92 ވަނަ މިނެޓްގައި ސެވިއްޔާގެ ފެނާންޑޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަދި ނަތީޖާއަކަށްވީ މެޗް ނިމިނިމި އޮތްވާ ޖެރާޑް ޕީކޭ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ބާރސާއަށް ހަމަހަމަކޮށްދިނުމެވެ. އަދި މިގޮތުން ދެ މެޗަށް ބަލާއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވުމުން ނަތިޖާ ނެރުމަށްޓަކައި 30 މިނެޓްގެ އިތުރު ދެ ހާފް ކުޅުނެވެ. އަދި މިމެޗުން ބާރސާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ މާޓިން ބްރެއިތުވައިޓްއެެވެ. މިމެޗްގައި ސެވިއްޔާގެ ލޫކް ޑި ޖޮންގއަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މި ކާމިޔާބީއާއެކު ބާރސާއަށް މިވަނީ ކޮޕާ ޑެލްރޭގެ ތަށި 31 ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ފައިނަލްގައި ބާރސާ ބައްދަލުކުރާނީ އެތުލެޓިކް ބިލްބާއޯ އާއި ލެވެންޓޭ ބައްދަލުކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކާއެވެ. މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގް ބިލްބާއޯގެ ދަނޑުގައި ކުޅެ، ވަނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެފައެވެ. ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ލެވެންޓޭގެ ދަނޑުގައެވެ.