ވިޔަފާރި

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރުމަށްވަނީ ހަމަޖެހިފައެވެ. ދަތުރުތައް ކުރާނީ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.

މި ދަތުރުތަކުގެ އަގު އުޅެނީ 2 ކޮޅު ޓިކެޓް 227 ޑޮލަރަށެވެ. ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއަރލައިންގެ ވެބްސައިޓުންނާއި، އޮންލައިން ޓެރެވެލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

އިންޑިއާގެ ވިސްތާރާ އެއރަލައިންއިން ރާއްޖެއަށް ދަތުރު ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުންނެވެ. މި ބަބުލްގެ ދަށުން ގިނަ އަދަދެއްގެ އިންޑިއާގެ އެއަރލައިންތަކަކުން މިހާރުވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންއެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 45636 ފަތުރުވެރިން އައިސްފައެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީވެސް އިންޑިއާއެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 11.3 އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އެއީ 62960 ފަތުރުވެރިންނެވެ.