ޚަބަރު

ޖަވާބުދާރީވުމަށް އަދީބުއަށް މަޖިލީހުން 30 މިނެޓުގެ ވަގުތުކޮޅެއް!


ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ނައިބު ރައީސް އަޙްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ތިރީސް މިނެޓްގެ ވަގުތެއް އެމަނިކުފާނަށް ދޭގޮތަށް އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ނާއިބު ރައީސް މަޖިލީހަށް ޖަވާބު ދާރީވުމަށް ބާއްވާ ބަހުސް ދެގަޑި އިރަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނައިބުރައީސް އަށް ޖަވާބު ދާރީވުމަށް ދޭން ފާސްކޮށްފައިވަނީ ތިރީސް މިނެޓް، ތިން ބަޔަކަށް ބަހާލައިގެނެވެ.އެއީ ބަހުސް ފެށުމުގެ ކުރިން ދިހަ މިނެޓް އަދި ބަހުސްގެ މެދުތެރެއިން ދިހަ މިނެޓް އަދި ބަހުސް ނިންމަން ދިހަ މިނެޓް ދޭގޮތަށްވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ އާންމުކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ކޯލިޝަނާއި ޖުމްހޫރީޕާޓީގެ މެމްބަރުގެ ވޯޓުންނެވެ. ނާއިބު ރައީސް އަޙްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ މެމްބަރުން ވައްދާފައިވަނީ ފަންސާހަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއިއެކުއެވެ. ނާއިބު ރައީސް މަގާމުން ވަކިކުރެއްވުމަށް ފަންސާސް ހަތް މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. ނައިބު ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވާއިރު ގާނޫނުގައި ބުނާ ސާދަ ދުވަހުގެ ނޯޓިސް މިހާރުވަނީ އަދީބު އަށް ފޮނުވާފައެވެ. ***********