ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ނިޔާވެފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 63 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ. ޖެނުއަރީމަހު އެކަނިވެސް ކޯވިޑް ޖެހިގެން ރާއްޖެއިން 9 މީހަކުވަނީ ނިޔާވެފައެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 20،144އަށް އަރާފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 17،470އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2605 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 186 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،970 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 532،816 އަރާފައެވެ.