ޚަބަރު

އޭ ލެވެލް އިމްތިހާނު ތާވަލާ އެއްގޮތަށް ކުރިއަށްގެންދަން ނިންމައިފި


މިއަހަރުގެ މެއި، ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ތާވަލްކޮށްފައި އޮތްގޮތަށް ކުރިއަށްގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތީހާން ބާއްވާނެކަން ހާމަކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި މެއި ޖޫން އިމްތިހާން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުގައެވެ. އަދި އެ އިމްތިހާން ނިމޭނީ ޖޫން 17 އަށެވެ.

އޭލެވެލް އިމްތިހާނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި ހަދާ އިމްތިހާނު މާކްކުރާނީ އެޑެކްސަލްއިންކަމަށާއި އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ދަރިވަރުންގެ ނަތިޖާ ލިބިގެންދާނެކަމަށެވެ.

"ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓީޗާރ ބޭސްޓް އެސެސްމަންޓްއަކަށް ގޮސްފާނެތީ. އަޅުގަނޑުމެން މިހާރު ރާއްޖޭގައި އިމްތިހާން ބޭއްވިޔަސް ޕޭޕަރުތައް މާކްކުރާނީ އަދި ގްރޭޑްވެސް ދޭނީ އެޑެކްސަލްއިން. ހުރިހާ ދަރިވަރުންވެސް އިމްތިޙާނަށް ތައްޔާރުވުމަކީ އެދުމެއް."އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ އޭލެވެލް އިމްތިހާން ބޭއްވުމަށްޓަކައި އެޑެކްސަލްއާއެކު ގިނަ މަޝްވަރާތައްކޮށް އިމްތިހާން ބޭވުމަށްޓަކައި މަސައްކަތް ކުރެއްވިކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިމްތިހާން ރާއްޖޭގައި ބޭއްވުމުގެ ހުއްދަ ދީފައިވާކަން އިހްސާން ފާހަގަކުރެއްވިއެވެ.

އިހްސާން ވިދާޅުވީ އިމްތިޙާން ކުރިއަށްގެންދިޔުމަށް ނިންމާފައިވުމާއެކު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަންވާނެކަމަށެވެ. އަދި އެޕްލިކޭޝަން ހުށައަޅާއިރު ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އެޕްލިކޭޝަން ހުށައެޅުމަށް ކުޑަ މުއްދަތެއް ދީފައިވަނީ މުއްދަތު އިތުރުކޮށްފިނަމަ އިމްތިހާން ބޭއްވުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެތީކަމަށެވެ.

"އެންޓްރީގެ މަސައްކަތް ކުރުމަށް ކުރު މުއްދަތެއް ދިންނަމަވެސް ހުރިހާ ސްކޫލްއަކަށް މިހާރުވަނީ އަވަހަށް އެޕްލިކޭޝަންގެ ކަންކަން ފުރިހަމަކުރުމަށް އިރުޝާދުތައް ދީފައި. މިފަހރު ދެވަނަފުރުސަތަކަށް ދިއުމަށްވުރެ ވަގުތު ކުޑަތަންވެފައި މިވަނީ. އެޕްލިކޭޝަންއަށް އިއިތު ވަގުތު ދީފިނަމަ ޔަޤީންކަމެއް ނުދެވޭނެ ކަނޑައެޅިފާއިވާ ތާވަލަށް ހުރިހާ ސުވާލު ކަރުދާހެއް ރާއްޖެއަށް ގެނެވޭނެކަމަށްވެސް." ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އާ ހަވާލުވެހުންނެވެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވިއެވެ.

މިއަހަރުގެ މެއި ޖޫންގައި އޭއެސް،އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަންއިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. އިހްސާން ވިދާޅުވީ ކުރިން ތާވަލުކޮށްފައި އޮތްގޮތަށް ޖޫންމަހުގެ ފަހުކޮޅު އެޗްއެސްސީ އިމްތިހާނުވެސް ރާއްޖޭގައި ކުރިއަށް ދާނެކަމަށެވެ. މިގޮތުން އެޗްއެސްސީ އިމްތިހާން ޖޫން މަހުގެ 27 އިން 30 އަށް ކުރިއަށްދާނެއެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން އޯލެވެލް އާއި އޭލެވެލް އިމްތިހާން ބާއްވާ ތާރީޚްތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަންވެސް ފާހަގަކުރެވެއެވެ.