ޚަބަރު

ހިޔާ މަޝްރޫޢާއި ގުޅިގެން ހައުސިން މިނިސްޓަރާއި ފްލެޓް ކޮމިޓީ، ކޮމިޓީއަށް ޙާޒިރުކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ޢިމާރަތްކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިސަރުކާރުން ދިންގޮތާއި ގުޅިގެން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމާއި، ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކަ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.

ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ދޫކުރި ގޮތާއި ގުޅިގެން ބައެއް ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައިވާތީ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށައެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި މައްސަލާގައި އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމާއި، ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދުގެ އިތުރުން، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުއާއި، މާލޭގެ މޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ބަންޑާރަ ނާއިބާއި، މޭޔަރު ޙާޒިރުކުރުމަށް ކޮމިޓީއަށް ހުށައަޅާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، އެކޮމިޓީގެ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމާފައިވާކަަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ޢާންމުކޮށްފައިވާއިރު، އެ ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ހައުސިން މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭނެކަމަށް މިހާރު އިޢުލާންކޮށްފައިވާ ދާއިމީ ލިސްޓްގައިވެސް މައްސަލަތަކެއް އުޅޭނަމަ އެކަން ޙައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އަދިވެސް ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބި ތިބުމަކީ އެކަށީގެންވާކަމެއްކަމަށާއި، އެހެންކަމުން އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން ކަރަންޓް ލުމާއި އެނޫންވެސް ކުރަންޖެހޭ ބައެއް ކަންކަންކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.