ދުނިޔޭގެ ވިޔަފާރި

ބިލިއަނަރުން އެންމެ ގިނައީ ޗައިނާގައި!


މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ ބިލިއަނަރުން ތިބީ ޗައިނާގައިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހުރުން ގްލޯބަލް ރިޗް ލިސްޓްގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު، އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު އެންމެ ގިނަ ބިލިއަނަރުން ތިބި ޤައުމަކަށް ޗައިނާ ވަނީ ވެފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ޗައިނާގައި 1058 ބިލިއަނަރުން ތިބިއިރު، އެމެރިކާގައި ތިބީ 696 ބިލިއަނަރުންނެވެ.

މިދިޔަ އަހަރު ބިލިއަނަރުންގެ ލިސްޓަށް 610 ފަރާތެއް އިތުރުވިއިރު، މީގެތެރެއިން 318 މީހަކު ނިސްބަތްވަނީ ޗައިނާއަށެވެ. އެމެރިކާއިން ބިލިއަނަރުންގެ ލިސްޓަށް އަލަށް އައީ 95 ބިލިއަނަރުންނެވެ.

މިދިޔަ އަހަރަކީ މުއްސަނދިންގެ މުއްސަނދިކަން އިތުރުވެގެންދިޔަ އަހަރަކަށްވީއިރު، އެމީހުންގެ މުއްސަނދިކަން ގާތްގަނޑަކަށް 14.7 ޓްރިލިއަން ޑޮލަރަށް އިތުރުވިއެވެ. މިއާއެކު މިވަގުތު ދުނިޔޭގައި ތިބި ބިލިއަނަރުންގެ އަދަދު ވަނީ 3228 އަށް އަރާފައެވެ.

ހުރުން ގްލޯބަލް ރިޗް ލިސްޓްގައިވާ ގޮތުން އެންމެ ގިނަ މުއްސަނދިން އުޅޭ 10 ސިޓީގެ ތެރެއިން 6 ސިޓީއަކީ ޗައިނާގެ ސިޓީތަކެވެ. އެގޮތުން ލިސްޓުގެ އެންމެ ކުރި 145 ބިލިއަނަރުން އުޅޭ ޗައިނާގެ ބެއިޖިންގއަށް ލިބިފައިވާއިރު، 2 ވަނަ ލިބިފައިވަނީ 113 ބިލިއަނަރުން އުޅޭ ޗައިނާގެ ޝަންހާއީއަށެވެ. 3 ވަނަ ލިބެނީ 112 ބިލިއަނަރުން އުޅޭ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ.

މިލިސްޓު ޖެނުއަރީމަހު އެކުލާވާލިއިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ޓެސްލާގެ ބާނީ، އިލޯން މަސްކު ހުރީ 197 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކުއެވެ. ލިސްޓުގެ ދެވަނަ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯޒްއަށް ލިބެނީ 189 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކުއެވެ.

ޗައިނާގެ ބިލިއަނަރުންގެ ތެރެއިން އެންމެ ކުރީގައި އުޅޭނީ ދުނިޔޭގެ 7 ވަނައަށް އެންމެ މުއްސަނދި މީހާ އަދި އޭޝިޔާގެ އެންމެ މުއްސަނދި މީހާކަމަށްވާ ޒޮންގ ޝަންޝާންއެވެ. ބޯފެން ފުޅި ބަންދުކުރުމުގެ ވިޔަފާރިން މުއްސަނދިވި ޒޮންގެ މިލްކިއްޔާތުގެ 83 ބިލިއަން ޑޮލަރަށް އަރައެވެ.