ޚަބަރު

ގެދޮރުވެރިކަމަށް 1.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާނަން: އަސްލަމް


ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ކަނޑައެޅުމަށް ނިންމާފައިވާކަމަށާއި، އެ މަޝްރޫޢަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ކެމްޕެއިންކުރުމަށް އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ސިލްސިލާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ، އަންނަ އަހަރު ހައުސިން މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ. މި ހައުސިން މަޝްރޫޢަކީ ހަމައެކަނި އަތޮޅުތަކުގެ ރަށްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށާއި، އޭގެ ތެރޭގައި ހިމެނޭނީ ރޯހައުސްއާއި ހައުސިން ފްލެޓްތައް ޢިމާރާތްކުރުންކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، އެގޮތުން އެ މަޝްރޫޢު ކުރިއަށް ގެންދާނެ ރަށްތަކާއި، ފްލެޓް އަޅާ މިންވަރު ކަނޑައަޅާ، އެއަށްބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެންކަމަށެވެ.

"ފްލެޓް އަޅަންޖެހޭ ރަށްރަށާއި އަޅަންޖެހޭ މިންވަރުތައް ފާހަގަކޮށް އެތަނަށް ބޭނުންވާ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މިއަންނަ އަހަަރު އަންނަންވާއިރަށް އަޅުގަނޑުމެން ތިބޭނީ ތައްޔާރުވެފައި. މަސައްކަތްކުރެވޭވަރަށް ބަޖެޓް ފާސްވުމާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޓެންޑަރކުރާނަން. އެ މަޝްރޫޢު އަޅުގަނޑުމެން ކުރުވާނީ ދިވެހި ކޮންޓެކްޓަރުން ލައްވާ ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި. ސަރުކާރުން ހިންގާމަޝްރޫޢުއެއްގެ ގޮތުގައި އަތޮޅުތަކަށް ޚާއްޞަކޮށްގެން މިމަޝްރޫޢުތައް ކުރިއަށް ގެންދާނީ. އެއީ އަޅުގަނޑުމެން ޑިވެލޮޕަރ ފައިނޭންސްގެ ތެރެއިން ހިންގަން އޮތް ކަމެއް ނޫން."ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ހައުސިން ލޯނާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ގެދޮރު އެޅުމަށް 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށްވެސް ތައްޔާރުވަމުން އަންނަކަަމަށެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއަޓާގައި ލޯން ދޫކުރަން ފަށާނެކަމަށާއި، އެ ލޯން ޕްރޮގްރާމަކީ އަމިއްލަ ގެދޮރުގައި ގެ އެޅުމަށާއި، ގެ އަޅާފައިވާ ތަންތަނުގައި ޢިމާރާތެއް އިތުރުކުރުމަށްޓަކައި ދޫކުރާ ލޯނެއްކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އެޗްޑީއެފްސީގެ ތެރެއިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ދެން މިއާއެކީ މިއަހަރުގެ ސެކަންޑު ކުއާޓަރގައި އަޅުގަނޑުމެން ލޯނަށް ހުޅުވާލާނަން މުޅި ރާއްޖެއަށް. އޭގެތެރޭގައި އަތޮޅުތަކުގެ ރަށްރަށުގެ ތެރޭގައި އެމީހުންގެ އަމިއްލަ ގެދޮރުގައި ނުވަތަ އަޅާފައިވާ ގެތަކުގައި އެމީހުން ތަނެއް އިތުރުކުރުމަށްޓަކައި ހައުސިން ލޯން ނެގުމަށް އެޕްލައި ކުރެވޭނެ އެޗްޑީއެފްސީއަށް. މިވަގުތު 175 މިލިއަން ރުފިޔާ ހަމަޖެހިފައި އެބަވޭ."ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޅ. ނައިފަރާއި، ބ. ތުޅާދޫ، ތ. ތިމަރަފުށި، މ. ކޮޅުފުށީގައި ސަރުކާރުން ހަދާ 400 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެކަމަށާއި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.