ކުޅިވަރު

ވުލްވަރހެމްޓަން ބަލިކޮށް ސިޓީއިން ޕޮއިންޓް ތާވަލްގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި 15 ޕޮއިންޓްގެ ލީޑެއް ސިޓީއިން ނަގައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15ވަނަ މިނެޓްގައި ޖެހީ ސިޓީއިންނެވެ. މިލަނޑަކީ ސިޓީގެ ރިޔާދު މަހްރެއިޒް ވުލްވްސްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް އެޓީމްގެ ޑިފެންޑަރ ލިއާންޑަރ ޑެންޑޮންކަރ ފައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު ސިޓީއިން ކޮންމެވެސް ވަރަކަށް ހަމަޖެހިލައިގެން ކުޅުނު އިރު ވުލްވްސް މަޑު މަޑުން ދިޔައީ މެޗްގެ ތެރެއަށް ވަދެ ސިޓީއަށް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރެވޭތޯ ބަލަމުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. މިމެޗްގެ ދެވަނަ ހާފްގައި ވުލްވްސްއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް ސިޓީއަށް ނުރައްކާ ކުރަމުންދިއުމުގެ ނަތީޖާއަކަށްވީ މެޗްގެ 61 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމްގެ ކެޕްޓަން ކޮނޯ ކޯޑީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑާއެކު ސިޓީއިންވެސް އަނެއްކާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިތަން ފެނިގެންދިޔައެވެ. މިމެޗްގައި ސިޓީއަށް އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރެވޭވަރުވީ މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ގެބްރިއެލް ޖޭސުސްއެވެ. އަދި މެޗްގައި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި މަހްރެއިޒް ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ދެވަނަ ލަނޑުމެޗް ޖަހާދިން ޖޭސުސްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމުން ގޯލަށް އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާ ވަނީ ވުލްވްސްގެ ކީޕަރ ރުއި ޕެޓްރީޝިއޯ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީ މިވަނީ އެޓީމް އެންމެފަހުން ކުޅުނު 21 މެޗުން މޮޅުވެފައެވެ. އަދި މެޗަކުން ބަލިނުވެ އެޓީމުން 2017 ވަނަ އަހަރުހެދި 28 މެޗްގެ ކްލަބް ރިކޯޑާވެސް މިކާމިޔާބީއާއެކު މިވަނީ އެއްވަރު ވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރމަހުގެ 15 ވަނަ ދުވަހަށްފަހު ލީގުގައި ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުގެއްލޭ ސިޓީއަށް މިހާރު ޕޮއިންޓް ތާވަލްގައި ވަނީ 15 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 27 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކުއެވެ. އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ނަމަވެސް މިރޭ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މިފަރަގު 12 ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި ޕްރިމިއަރ ލީގުގައި ފިނިމޫސުމުގެ ދުވަސް ކޮޅަކީ އެންމެ އުނދަގޫ އަދި އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށާއި އެދުވަސްވަރު އޭނާގެ ޓީމުން ހޯދި ކާމިޔާބީތަކަށް ތައުރީފް ހައްގު ކަމަށެވެ. އަދި އޭނާގެ ހުރިހާ ކުޅުންތެރިންނަށް އެކަމަށް އޭނާ މަރްހަބާ ކިޔެވެ. ނަމަވެސް އަދިވެސް ސީޒަންގައި މަސައްކަތް ބާކީ އެބައޮތް ކަމަށާއި އަދިވެސް ލީގުގެ ޗެމްޕިއަން ޓީމަކީ ލިވަޕޫލް ކަމަށެވެ.