ޚަބަރު

ރ.އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅަނީ


ރ.އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމު ކަމަށާއި އެ ސަރަޙައްދަށް އިތުރު އެއަރޕޯޓެއް އަޅާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު ރޭ ބެއްވި ބައްދަލުވުމުގައި ރ. އަތޮޅު އަލިފުއްޓާއި އިނގުރައިދޫ ކެމްޕެއިން ޓީމުން ވަނީ އެ އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އޮތުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ރ އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމު ކަމަށާއި އެ އަތޮޅުގައި ދެން އަޅާ އެއަރޕޯޓެއް ހަދާނީ ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތަކަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ އަތޮޅުގެ ދެކުނުގެ ރަށްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް މުހިންމު ކަމަށާ ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި އެއަރޕޯޓެއް އެޅުމަށް ނިންމި ނަމަވެސް އަދި އެއަރޕޯޓް އޮންނާނެ ރަށެއް ނުވަތަ ވަކި ތަނެއް ފައިނަލް ވެފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރ އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅުއްވާނެ ކަމަށް ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް ވިދާޅުވެފައެވެ.
ރ.އަތޮޅުގައި މިވަގުތު އޮންނަނީ 2015 ވަނަ އަހަރު ހުޅުވި އިފުރު އެއަރޕޯޓެވެ. އެހެންނަމަވެސް އެ އަތޮޅުގެ ދެކުނުގެ ރަށްތަކާ
އެ އެއަރޕޯޓާ ދުރުވުމުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފްތަކާ ކުރިމަތިލާން ޖެހެއެވެ.

އިފުރު އެއަރޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން އޮޕަރޭޓްކުރަމުން އަންނަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އޮވެއެވެ. އެއަރޕޯޓް މެނޭޖުކުރަނީ ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިންނެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ގދ. ފަރެސްމާތޮޑާގައި އަޅާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މި އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު 11 އިގެ ކުރިން ނިންމާ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން 4 އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.