ޚަބަރު

ކޯވިޑް-19 ދިފާޢު: ބަންގްލަދޭޝްގެ ޞިއްޚީ ދާއިރާގެ ޓީމެއް މިއަދު ރާއްޖެ އަންނަނީ


"ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގެންނެވުމަކަށް، 23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައެވެ. ހުސްވި ފެބްރުއަރީ މަހުގެ 10 އިން 11 އަށް މިނިސްޓަރ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓުންނާއި އެނެސްތިޒިއޮލޮޖިސްޓެއް ކަމަށެވެ. އެ ޓީމުން، ރާއްޖޭގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޚީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި މިކަމާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ބަންގްލަދޭޝް އިން ޓީމެއް ރާއްޖެ އައުމުން ވެކްސިން ޖެހުމުގެ ކަންކަމަށްވެސް ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށާއި އަންނަ މީހުންނަށް މިހާރު ދާންޖެހޭ ރަށްރަށްވެސް އެނގިފައިވާނެކަމަށެވެ.

"ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން، އެންމެހައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ.

ހުރިހާ ދިވެހިންނެކޭ އެއް ފަދައިން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް އެއްލައްކަ ތޭވީސް ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ.