ޚަބަރު

ގުޅީފަޅުގައި ރޭސް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަނީ - މަހުލޫފް


ގުޅީފަޅު ތަރައްގީވަމުން އަންނައިރު އެތަނުގައި ރޭސް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެ.

ސައިކަލް ރޭސް ޖެހުމުގައި މަޝްހޫރު، މޮޓޯ ޖީޕީ ރޭސިންގ ޗެމްޕިއަނެއްކަމަށްވާ ޙޮރްހޭ ލޮރެންޒޯ ރާއްޖެ އައިސްފައެވެ. ސްޕެއިންގެ ރައްޔިތެއްކަމަށްވާ ލޮރެންޒޯ ރާއްޖެ އައުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޮރެންޒޯ އަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް އަދި ފަތުރުވެރިކަމާއިބެހޭ ވަޒީރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ މެމްބަރުންވެސް މިހަރަކާތުގައި ބައިވެރިވިއެވެ.

ރާއްޖޭގައިވެސް ރޭސިން ކުރިއެރުވުމަށް އެކިއިރު އެކި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ސަރުކާރުންވަނީ ހުޅުމާލޭގައި ރޭސިން ޓްރެކެއް ހެދުމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި ހުޅުމާލޭގައި ރޭސިން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއި ގުޅިގެން ބައެއް މަގުތަށް ބަންދުކޮށް އެފުރުސަތުވެސް ރޭސިން އެސޯސިއޭޝަންއަށް ދިފައިވާކަން ފާހަގަކޮށްލެވެއެވެ. މޮޓޯ ޖީޕީ ރޭސިންގ ޗެމްޕިއަނެއްކަމަށްވާ ޙޮރްހޭ ލޮރެންޒޯ މަރުހަބާ ކިއުމަށްފަހު މީޑިޔާއާއި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ރޭސިންއަކީ ރާއްޖޭގައި ވަރަށް މުހިންމު ކުޅިވަރެއްކަން ފާހަގަކޮށްލެވޭ ކަމަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވުމާއި ގުޅިގެން މިހިނގާ ނުރައްކާތެރި އެކްސިޑެންޓްތައްވެސް މަދުކުރުމަށް މިއީ ވަރަށް ރަގަނޅު ކުޅިވަރެއްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. މަގުމަތީގައި ބާރަށް ދުއްވާ ކުދިންގެ މެދުގައިވެސް ރޭސް ޖެހުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެފުރުސަތު ހޯދައިދިނުމުން، މަގުމަތީގައި ރޭސް ޖެހުމާއި ބާރަށް ދުއްވުމުގެ ބައިވެސް ވަރަށް ބޮޑުތަން މަދުވެގެންދާނެކަމަށް ގަބޫލް ކުރެވޭކަމަށާއި، އަދި އެޗްޑީސީ އާއި ޔޫތް މިނިސްޓްރީއާ ރޭސިން އެސޯސިއޭޝަން ގުޅިގެން ހުޅުމާލެ ފޭސް 2ގައި ރޭސިން ޖެހުމަށް ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

"ރާއްޖޭގައި ކާރު ރޭހެއް ބޭވުމުގެ މަޝްވަރާތައްވެސް އެބަކުރިއަށްދޭ. ގުޅިފަޅު ތަރައްގީވަމުން އަންނައިރުގައި، އަޅުގަނޑު ފާހަގަކޮށްލަން ކެބިނެޓަށް ގުޅީފަޅުގެ ކުރެހުންތަކާއި ކަރުދާސްތައް ހުށައެޅުނުއިރުގައި އަޅުގަނޑުވަކިން ހާއްސަކޮށް ޖާގައާއި އެކީގައި ރޭސް ޖެހުމުގެ ކަންތައްތައް ކުރެވޭނެ ގޮތަކަށް އަޅުގަނޑުވަނީ އެދިފަ. އަދި ވަރަށް ޕޮޒިޓިވްކޮށް ރައީސްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެވެސް ވިންސުން ހުރީ. އަދި އެކަމުގައި ޔޫތް މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައްވަނީ ކޮށްފަ. އަދި ޕްލޭނިން މިނިސްޓަރާއެކު ވަކިން ބައްދަލުކޮށްގެންވެސް މިކަން އަވަސް ކުރުމަށް މަސައްކަތް ކުރާނަން." މިނިސްޓަރ މަހުލޫފް ބުންޏެވެ

މިނިސްޓަރ މަހުލޫފް ވިދާޅުވީ މިއަދު ރޭސިން ޓްރެކެއް އެޅިފައި އޮތްނަމަ، މޮޓޯ ޖީޕީ ރޭސިންގ ޗެމްޕިއަން ޙޮރްހޭ ލޮރެންޒޯއާއެކު ރޭސް ޖަހާލުމުގެ ފުރުސަތު ލިބިގެންދިޔައީސްކަމަށާއި، އަދި މިމަކުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށްވެސް ޕްރޮމޯޓްވެގެންދާނެކަމަށް.