ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާގެ ބޮޑެތި ޓްރެވެލް އެޖެންޓުން ރާއްޖެއަށް


ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާގެ މަޝްހޫރު ޓްރެވެލް އެޖެންޓުންގެ ޓީމެއް އައިސްފިއެވެ.

މި ޓްރެވެލް އެޖެންޓުންގެ ޓީމު ރާއްޖެ ގެނެސްފައިވަނީ އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ޓްފެމިލިއަރައިޒޭޝަން ޓްރިޕްގެ ދަށުންނެވެ.

އެމްއެމްޕީއާރުސީން ބުނީ އިންޑިއާގެ ބޮޑެތި ޓްރެވެލް އެޖެންޓުން ރާއްޖެ ގެނައުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އިޝްތިހާރުކޮށް އެގައުމުން ޒިޔާރަތްކުރާ ފަތުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުންކަމަށެވެ. މި ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ. މި ފޭމް ޓްރިޕްގައި އިންޑިއާގެ ޓްރެވެލް އެޖެންޓުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް އިތުރަށް ދަސްކޮށް، އިންޑިއާ މަކެޓްގައި ރާއްޖެ އިތުރަށް ވިއްކުމަށް އެހީތެރިވެ ދެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފޭމް ޓްރިޕްގައި ބައިވެރިވާ އިންޑިއާގެ ޓްރެވެލް އެޖެންޓުންގެ ތެރޭގައި އިންޑިއާގެ ބޮޑެތި ޓްރެވަލް އަދި ޓުއާ މެނޭޖްމަންޓް ކުންފުނިތައް ބައިވެރިވެއެވެ. އޭގެތެރޭގައި އޭ ޕްލަސް ޓްރެވަލް، ކާނޭޝަން ޓްރެވަލް، ޓްރެވަލް ބުލްޒް، ކޭސަރި ޓުއާސް އަދި ތޯމަސް ކުކް ހިމެނެއެވެ. މި ކުންފުނި ތަކަކީ މުޅި އިންޑިއާގައި
މަސަތްކަތް ކުރަމުން އަންނަ ބޮޑެތި ގްރޫޕް ތަކާއި މައިސް އަދި ލެޝާ ޓްރެވަލްސްއަށް ޚާއްސަ ޕެކޭޖްތައް ވިއްކަމުންދާ ތަޖުރިބާ ލިބިފައިވާ ކުންފުނިތަކެކެވެ.

މި ޓީމުން ރާއްޖޭގައި ހޭދަކުރާ 7 ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ހެރިޓްަންސް އާރަށް, ގްރޭންޑް ޕާކް ކޮށްދިއްޕަރު އަދި އެމަރަލްޑް މޯލްޑިވްސްގައެވެ. އެމްއެމްޕީއާރުސީން މިދިޔަމަހު ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެޤައުމުގެ ނޫސްވެރިންގެ ޓީމެއްވެސް ރާއްޖެ ގެނެސްފައެވެ.

އިންޑިއާ މާކެޓަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. އެގޮތުން މިދިޔަ އަހަރު 62960 ފަތުރުވެރިންނާއެކު އިންޑިއާ ވެފައި ވަނީ ރާއްޖޭގެ ޓޮޕް މާކެޓަށެވެ. އަދި މިއަހަރުގެ މިހާތަނަށް 44981 ފަތުރުވެރިން ޒިޔާރަތްކޮށް އިންޑިއާ ހިމެނެނީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަށެވެ.