ސިޔާސީ

ނައިބް ރައީސްގެ ބަންދުގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިމާލައިފި


ނައިބް ރައީސް އަހުމަދު އަދީބުގެ ބަންދުގެ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ. މިއަދު ހައިކޯޓުގައި މިމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ  އަދީބު ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް އޯޑިއޯ / ވީޑިއޯ މެދުވެރިކޮށެވެ. މިއަދުގެ މައްސަލަ ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިމައްސަލަ ދިރާސާ ކުރަމުންދާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ހައިކޯޓުން ބުނީ ނައިބްރައީސް އަހުމަދު އަދީބް ދޫނިދޫގައި ބަހައްޓައިގެން އޯޑިއޯ / ވީޑިއޯ މެދުވެރިކޮށް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ފުލުހުން އެކަމަށް އެދުމުން، ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ރައީސްގެ ލޯންޗްކޮޅުގައި ހިންގި ބޮންގޮއްވުމުގެ ހާދިސާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާ ނައިބްރައީސް އަހުމަދު އަދީބުގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާދީފައެވެ. އަދީބްގެ ފަރާތުން އެމައްސަލަ އިސްތިއުނާފްކޮށްފައިވަނީ ދަށުކޯޓުން ނިންމި ނިންމުމަކީ ޝަރުޢީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފް ނިންމުމެއް ކަމަށްބުނެއެވެ. އަދި އެ ނިންމުން ބާތިލް ކޮށް ނައިބްރައީސް ބަންދުން ދޫކޮށްލުމަށް އެދިފައިވެއެވެ.