ވިޔަފާރި

ދިރާގު ސިއެމް : ސައިބަރ ސެކިއުރިޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް


ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ދިރާގުން ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނީ ދިރާގު ސިއެމްއަކީ ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މި ފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދޭ ޚިދުމަތެއްކަމަށެވެ. މި ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުންހުރި ޑޭޓާ ހޯދާ، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓަރ ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މި ސިސްޓަމްގެ އެހީގައި ޚާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާއި ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކިއުރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީގެ ބެސްޓް ޕްރެކްޓިސްތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބަރ ސެކިއުރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެކަަމަށް ދިރާގުން ބުނެއެވެ.

ދިރާގު ސިއެމްއިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކް އާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެއެވެ. އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެކަމަށް ދިރާގުން ބުނެއެވެ. މީގެއިތުރުން ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައްވެސް މޮނިޓަރ ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އަމާޒަކީ އެކުންފުނީގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ދިރާގުން ބުނެއެވެ. އަދި އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށް ދިރާގުން ބުނެއެވެ.