ވިޔަފާރި

ޗުއްޓީއަށް ހޮރްހޭ ލޮރެންޒޯ ރާއްޖެއަށް!


ސައިކަލް ރޭސްތަކުގައި މަޝްހޫރު، މޮޓޯ ޖީޕީ ރޭސިންގ ޗެމްޕިއަނެއްކަމަށްވާ ޙޮރްހޭ ލޮރެންޒޯ ރާއްޖެ އަތުވެއްޖެއެވެ.

ސްޕެއިންގެ ރައްޔިތެއްކަމަށްވާ ލޮރެންޒޯ މިއަދު ރާއްޖެ އައިސްފައިވަނީ ޗުއްޓީ ދަތުރެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޮރެންޒޯއަށް މަރުޚަބާ ކިޔުމަށް ކުޑަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް އަދި ފަތުރުވެރިކަމާއިބެހޭ ވަޒީރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ މެމްބަރުންވެސް މިހަރަކާތުގައި ބައިވެރިވިއެވެ.

މީޑިއާއާ ވާހަކަދައްކަވަމުން ލޮރެންޒޯ ބުނީ މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރާ ދެވަނަ ފަހަރުކަމަށް. އަދި ރާއްޖެއަށް އަލުން އައުމަށް ނިންމީ ރާއްޖެއަކީ ހިތްހަމަޖައްސާލައި، ހުރިހާ ފިކުރުތަކާއި ދުރުވާން އެންމެ އެކަށީގެންވާ މަންޒިލަށްވުމުންކަމަށް އޭނާ ބުންޏެވެ.

"ރާއްޖެއަކީ ދުނިޔެ މަތީގައި އެންމެ ރީތި މަންޒިލްތަކުގެތެރޭގައި ހިމެނޭ މަންޒިލެއް، މިފަހަރުގެ ޗުއްޓީ ދަތުރުގައި ރާއްޖޭގައި 15 ދުވަސް ހޭދަކުރާނަން، ހުރިހާ ސްޓްރެސް ފިލުވާލުމަށްފަހު ރާއްޖެއިން ދާނީ،" ލޮރެންޒޯ ވިދާޅުވިއެވެ.

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާއިރު، މިފަދަ މަޝްހޫރު ޝަހުސިއްޔަތުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

"މޮޓޯ ސްޕޯޓްސްގެ ލެޖެންޑެއް ރާއްޖެއަށް އައުމުން، އެމީހުންނާއި އަޅުގަނޑުމެންގެ ރޭސަރސްއުންނާއި މީޓްކޮށްލާ، މީގެންވެސް ދުނިޔެއަށް ދަށްކާލަން ބޭނުންވޭ ދުނިޔޭގެ މަޝްރޫހު މީހުން ރާއްޖެއަށް އަންނަކަން، މިކަހަލަ ކޮންމެ ފުރުސަތަކުން ދައްކާލަން ބޭނުންވަނީ،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިފަދަ ފަރާތްތަކުން ރާއްޖެއަށް އައިސް ރާއްޖޭގައި ކުޅިވަރުތައް ކުޅޭ ފަރާތްތަކާއި ބައްދަލުކޮށްލުމަކީ ދިވެހި ޒުވާނުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މިފަދަ އިވެންޓްތަކަކީ ބަންދުވެފައި ހުންނަ ފުރުސަތުތައް ހުޅުވާލުމަށް، މިސަލާކަށް މިއަދު ރޭސިންގ ޓްރެކެއް ރާއްޖޭގައި އޮތް ނަމަ އެފަރާތާއި އެކީގައި އަޅުގަނޑުމެން ކުދިންނަށް އެފަރާތްތަކާއި އެކު ދުއްވާލަން ފުރުސަތު ލިބި، ބޮޑު އެކްސްޕޯޝަރ އަކަށްވާނެ،" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މޮޓޯ ޖީޕީ ރޭސިންގއިން މަޝްހޫރުކަން ހޯދާފައިވާ ލޮރެންޒޯ ރާއްޖެ އައިސްފައިވާއިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރާ 1.9 މިލިއަން މީހުން އަދި ޓްވިޓަރގައި އޭނާ ފޮލޯކުރާ 1.6 މިލިއަން ފޮލޮވާސް އުޅެއެވެ.

ލޮރެންޒޯ ސައިކަލް ރޭސިންގ ނުވަތަ މޮޓޯ ޖީޕީ ރޭސިންގއަށް ވަނީ އުމުރުން 15 އަހަރުގައި، 2002 ވަނަ އަހަރުއެވެ. އޭގެފަހުން 2006 އަދި 2007 ވަނަ އަހަރު އޮތް 125 ސީސީ ވޯލްޑް ޗެމްޕިއަންޝިޕާއި، ރޭސިންގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ވޯލްޑް މޮޓޯރ ޖީޕީ ޗެމްޕިއަންޝިޕް 2010، 2012 އަދި 2015 ވަނަ އަހަރު އޭނާ ކާމިޔާބުކުރިއެވެ. އޭނާ ހަރަކާތްތެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ޔަމަހާ، ޑުކާޓީ އަދި ރެޕްސޮލް ހޮންޑާ ފާހަގަކޮށްލެވެއެވެ. އަނިޔާއާއި އެހެން ބައެއް މައްސަލަތަކާހުރެ ރޭސިންގއިން ލޮރެންޒޯ ރިޓަރޔަރކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

މޮޓޯ ޖީޕީ ރޭސިންގއިން މަޝްހޫރުކަން ހޯދާފައިވާ ލޮރެންޒޯ ރާއްޖެ އައިސްފައިވާއިރު، ކޯވިޑަށްފަހު ބޯޑަރުތައް ހުޅުވާލިފަހުން މަޝްހޫރު އެތައް ބަޔަކު ޗުއްޓީއަށް ރާއްޖެއަށް އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި އެތައް މިލިއަން ބައެއް ފޮލޯކުރާ އެފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރާއްޖޭގެ ފޮޓޯއާއި ވީޑިއޯތައް ދަނީ ހިއްސާކުރަމުންނެވެ.