ދުނިޔެ

ބުރެޒިލްގެ މަނާއުސް ވޭރިއަންޓް އިނގިރޭސިވިލާތުން ފެނިއްޖެ


ބްރެޒިލުގެ މަނާއުސް ސިޓީން ފެނިފައިވާ ކޯވިޑްގެ އައު ވޭރިއަންޓު އިނގިރޭސިވިލާތުން ފެނިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙީ އޮފިޝަލުން ވިދާޅުވީ މަނާއުސްގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ 6 މީހުން އިނގިރޭސިވިލާތުން ފެނިފައިވާކަމަށެވެ. އެގޮތުން އިންގުލޭންޑުގެ ސައުތު ގްލައުސެސްޓާޝަޔާ ސަރަޙައްދުގައި ހުރި ގެއަކުންވެސް މަނާއުސް ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ 2 މީހުން ފެނިފައިވާކަމަށް އެ ފަރާތުން ބުނެއެވެ. އެ މީހުންނަކީ ދާދި ފަހުން ބުރެޒިލަށް ދަތުރުކޮށްފައިވާ ބައެކެވެ. އެ ދެ މީހުންގެ އިތުރުން މިހާތަނަށް ފެނިފައިވާ އެހެން ކޭސްތަކާއި އެއްވެސް ގުޅުމެއް ނެތް މީހަކަށްވެސް މަނާއުސް ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާކަމަށް ޕަބްލިކް ހެލްތު އިންގްލެންޑުން ބުނެއެވެ. އިނގިރޭސިވިލާތުން ފެނިފައިވާ ތިން ކޭހުގެ އިތުރުން ސޮކްޓްލެންޑުންވެސް ތިން ކޭސް ފެނިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެ ތިން މީހުންނަކީވެސް ބްރެޒިލަށް ދަތުރުކޮށްފައިވާ ތިން މީހުންނެވެ.

ޕަބްލިކް ހެލްތު އިންގުލެންޑުން ބުނީ ބްރެޒިލުގެ ވޭރިއަންޓުގެ ސަބަބުން ކޯވިޑް ޖެހިފައިވާ މީހުންގެ ފަރާތުން މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުތު ގްލައުސެސްޓާޝަޔާގައި ގިނަ ޢަދަދެއްގެ މީހުން ތަހުލީލުކުރަން ފަށާފައިވާކަމަށް އެ އިދާރާރިން ބުނެއެވެ.

ބްރެޒިލްގެ މަނާއުސްގައި ފެތުރެމުންދާ ކޯވިޑް ވޭރިއަންޓަކީ ވާރުތަވުމުގެ ބާރުގަދަ، އަދި މިހާރު ތައްޔާރުކޮށްފައިވާ ވެކްސިންތަކަށް ނުގުޑުމުގެ ފުރުޞަތު އޮތް ވޭރިއަންޓެއްކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. ޤައުމުން ބޭރަށް ދަތުރުކޮށްފައިވާ ބައެއްގެ ފަރާތުން މަނާއުސްގެ ވޭރިއަންޓު ފެނިފައިވާތީ އިނގިރޭސިވިލާތުގެ ބޯޑަރު ސިޔާސަތަށްވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.