ދުނިޔެ

މިއަހަރުގެ ފަހު ކޮޅު ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެ - ޑރ. ފައުޗީ


އެމެރިކާގެ ކުޑަކުދިންނަށް މި އަހަރުގެ ފަހުކޮޅު ކޯވިޑް-19 ވެކްސިން ދޭން ފެށޭނެކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ގައިން ގަޔަށް އަރާ ބަލިތަކާއިބެހޭ އެންމެ އިސް މާހިރު، ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރެއްހާ ދުވަހު މުޅި ދުނިޔެއިން ކުރިމަތިލަމުންދާ ކޯވިޑް ބަލިމަޑުކަމުގެ އަސަރު ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންނަށް ކުރާ މިންވަރު ދަށެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް ވެކްސިން ދިނުމުގެ މަޝްރޫޢުތައް ފެށިގެން ކުރިއަށް ދާއިރު މިވަގުތު ވެކްސިން ދެމުންދަނީ ހަމައެކަނި ބޮޑެތި މީހުންނަށެވެ. މަދަރުސާ އުމުރުފުރައިގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށުމުން ބަލިމަޑުކަމުގެ ސަބަބުން މަދަރުސާއަށް ހާޒިރު ނުވެވި ތިބި އެތައް މިލިއަން ކުދިންނަށް އަލުން އަނބުރާ މަދަރުސާއަށް ދިޔުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ގޭގައި މަޑުކުރުމަށް މަޖުބޫރުވެފައިވާ ކުދިން ބެލެހެއްޓުމުގައި މައިންބަފައިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ލިބިގެން ދާނެއެވެ.

ކޯވިޑް ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ރައްކާތެރިކަމާއި ގުޅޭ ދިރާސާތައް އަދިވެސްދަނީ ކުރަމުންނެވެ. އެހެންކަމުން އެންމެ އަވަސްވެގެންވެސް ކުޑަކުދިންނަށް ވެކްސިން ދެވޭނީ މި އަހަރުގެ ފަހު ކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް ބެލެވޭކަމަށް ފައުޗީ ވިދާޅުވިއެވެ. އެގޮތުން އުމުރުން 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ވެކްސިން ދޭން ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށާއި، އެއަށްވުރެ ކުޑަ ކުދިންނަށް މި އަހަރުގެ ފަހު ކޮޅުގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި ވެކްސިން ދޭން ފެށޭނެކަމަށް ބެލެވޭކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.