ޚަބަރު

ކޯވިޑް-19 ދިފާޢު: މާދަމާ 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ


ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން، ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ދޭން ނިންމައިފިއެވެ. މިގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ އުމުރުން 20 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖަހަން ފަށާނެކަމަށް ހެލްރު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވއެވެ. އެޗްޕީއޭއިންވަނީ ވެކްސިންދޭން ފަށާފައިވާ އުމުރުފުރާތަކުގެ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެފައިވަނީ މިވަގުތު މިއުމުރުފުރާގެ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖައްސާފައިވަނީ މާލޭ ސަރަޙައްދުގައި އެކަނި ކަމަށެވެ. އަތޮޅުތަކުގައި މިވަގުތު ވެކްސިން ދެމުންދަނީ ސިއްޙީ ދާއިރާގެ މީހުންނާއި ކޯވިޑް-19ގެ ޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށެވެ.

މިމަހުގެ ފުރަތަމަ ދުވަހު ކޯވިޑް ވެކްސިން ޖަހަން ފެށިފަހުން މިހާރު އަންނަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކު މީހުންގެ އިތުރުން ބިދޭސީންނަށްވެސް ވެކްސިން ޖަހަމުންނެވެ.
ރާޢްޖެއިން މިހާތަނަށް 105،492 މީޙަކު ވެކްސިން ޖަހާފައިވާިއރު މީގެ ތެރެއިން މާލެ ސަރަޙައްދުން 72 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަދި އޮތޮޅުތަކުން 32 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މާލޭ ސަރަޙައްދުގައި ވެކްސިންދޭ ތަންތަނާ ގަޑިތަކަށް ބަލާއިރު ސޯޝަލް ސެންޓަރާ އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 09:00އިން ފެށިގެން 16:30އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 09:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 09:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.

ރާއްޖޭގައި ޒުވާނުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މި އުމުރުފުރާގެ މީހުން ރާއްޖޭގައި ކޯވިޑް19އަށް ޕޮޒިޓިވްވާ މިންވަރު އިތުރެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 21އަހަރާ 40 އަހރާ އުމުރުފުރައިގެ މީހުންގެ ތެރެއިން 4000އަށް ވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާރުގެ ޙާލަތަށް ބަލާއިރުވެސް ޒުވާނުން ޕޮޒިޓިވްވާ އަދަދު މަތިވުމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ފާޅުކުރެއެވެ. ކޯވިޑް-19 ބަލި ފެތުރޭ މިންވަރު އިތުރުވެ މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވް ކޭސްގެ އަދަދުވަނީ 19000އިން މައްޗަށް އަރާފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާ އުމުރުފުރާތަކުގެ މީހުން، ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށްދަނީ އިލްތިމާސްކުރައްވަމުންނެވެ.

ކުޑަކުދިންނާ މާބަނޑު މީހުންނާ ދިފާއީ ނިޒާމު ދެރަ މީހުންނަށް ވެކްސިން ޖެހުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކާ، ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.