ޚަބަރު

އިންތިޚާބު ބޭއްވުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވޭ - އީސީ


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބޭއްވޭނީ އިތުރަށް 42 މިލިއަން ރުފިޔާ ލިބިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަޖެޓުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ބަޖެޓުން ކޯވިޑް-19ގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބު ބޭއްވުމަށް ޖުމްލަ 93 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އެހެންކަމުން ބަޖެޓް އިތުރުމަށާއި، އެނޫންވެސް އިންތިޚާބާއި ގުޅޭ ކަންކަމަށް މަޝްވަރާކުރުަމަށް މާލިއްޔަތު ކޮމިޓިއަށް އިލެކްޝަންސް ކޮމިޝަން ޙާޒިރުކުރުމަށް ވަނީ ތަޢާވަލުކޮށްފައެވެ.

އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައި ޢާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކަންބޮޑުވުންތަކުގެ ތެރޭގައި ހަމަހަމަކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު އެގައިޑުލައިނުގެ ތެރެއިން ނުލިބުމާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަނަށް ޖެހުމާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެވޭނޭ ގޮތް ނެތުން ހިމެނެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުމުގެ ކަންބޮޑުބުންވެސް ވަނީ ހުށަހަޅާފައެވެ. އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓްފޮށިތައް ބަހައްޓަން ޖެހުމާއި، އޮފިޝަލުން ނަގަން ޖެހުމަކީ އިތުރަށް ބަޖެޓްބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބައްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އީސީން ވވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓައި، އިނގިރޭސވިލާތުގައި ބަހައްޓާން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.