ޚަބަރު

"މަތީ ތަޢުލީމު ފޯރުކޮށްދޭ ގޮތާއިމެދު އާވިސްނުންތަކެއް ނެރެންޖެހޭ"


ކޯވިޑް-19ގެ ޙާލަތަށްފަހު މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ތަޢުލީމު ފޯރުކޮށްދޭ ގޮތާމެދު އާވިސްނުންތަކެއް ނެރެ ބަދަލުތަކާއެކު ކުރިއަށް ދިއުމަށް ވިސްނަންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ލަންޑަން ސްކޫލް އޮފް މެނޭޖްމަންޓް އެޑިއުކޭޝަންގެ ފަރާތުން ބޭއްވި "ލުކިން ބިޔޯންޑް 2020- ހަޔަރ އެޑިއުކޭޝަން އިން އަ ޕޯސްޓް ކޯވިޑް އެރާ" ސެމިނާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސެމިނަގައި ކީ ނޯޓް ސްޕީޗް ދެއްވަމުން މިނިސްޓަރ ވަނީ ތަޢުލީމަކީ އެންމެ ފޯރުންތެރިކަންކުޑަ ޢާއިލާތަކަށް ދިރިއުޅުން ކުރިއަށް ގެންދިއުމަށް މުހިންމު އެއްޗެއްކަމަށާ، ކޯވިޑް-19އާ އެކުވެސް މަތީ ތަޢުލީމު މެދުކެނޑުމެއްނެތި މަތީ ތަޢުލީމަށް ކިޔަވައިދެމުން ގެންދިޔަކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއެކު ދަރިވަރުންނަށް މަތީ ތައުލީމުދޭ މަރުކަޒުތަކަށް ނުދެވުމުގެ އަސަރު ޓީޗަރުންނާއި ދަރިވަރުންނާއި އެޑްމިނިސްޓްރޭޓިވް ސްޓާފުންނަށްވެސް ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރ ވަނީ ސަޕޯޓް ސްޓާފުން ނެތުމާއި ގޭގައި ތިބެގެން މަސައްކަތްކުރުމަށް ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރަން ޖެހުނުކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، ޓީޗަރުންނާއި ދަރިވަރުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޓަނެޓް އެޕްލިކޭޝަންސް މެދުވެރިކޮށް ކިޔަވައި ދިނުމާއި އުނގެނުމަށް އަހުލުވެރިވެފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިިނިސްޓަރ ވިދާޅުވީ ކޯވިޑްއާއި އެކު ދިމާވި އިޤްތިސާދީ ދަތިތަކާއިއެކުވެސް ސަރުކާރުންވަނީ މަތީ ތަޢުލީމަށް ކުރާ ހޭދައަށް އެއްވެސް އުނިކަމެއް ނުގެނެސް ކުރިއަށް ގެންގޮސްފައިކަމަށެވެ.