ޚަބަރު

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި


މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ. މި މައްސަލައިގެ ނޯޓިސް މިހާރު ވަނީ މިނިސްޓަރ މަލީހަށް ފޮނުވާފައެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށާއި، މަޤާމުން ދުރުކުރުމަށް މިމަހުގެ 9ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައިވެސް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވާފައިވެއެވެ. މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައި މިވަނީ، ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން، އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާޢިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ޖަމާލު ހައްދަވާފައި ނުވާކަމަށް ބުނެއެވެ. އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ޚިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއްކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމުގައިވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައިވެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، މިނިސްޓަރ މަލީހު މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް މަލީހަށް އަމާޒުވެގެން ދިޔައެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.