ޚަބަރު

ޒޫމް މެދުވެރިކޮށް ސިޓީ ކައުންސިލުން އަންނަމަހު ރައްޔިތުންނާ ބައްދަލުކުރަނީ


މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއެކު އަންނަ މަހު ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އަންނަ މަހުގެ 8 ވަނަ ދުވަހު މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވާކަމަށާއި، އެ ބައްދަލުވުން އޮންނަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށްކަމަށެވެ. މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ޙިއްސާ ކުރުމަށް ކޮންމެ އަހަރަކު ދެފަހަރު، ބައްދަލުކުރުން ލާޒިމްކުރެއެވެ.

އަންނަ މަހު ބާއްވާ ބައްދަލުކުރެއްވުމަކީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެއްވުންތައް ބޭއްވުން މަނާކޮށްފައިވާތީ މިމަހު އެ ބައްދަލުވުން ބޭއްވިފައި ނުވާތީ ބާއްވާ ބައްދަލުވުމެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވަނީ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރުމުގެ ހަތް ދުވަސް ކުރިން ރިޕޯޓުތަކާއި، ޕްލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ހާމަކުރަންވާނެކަމަށްވެސް ލާމަރުކަޒީ ޤާނޫނުގައިވެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެކަމަށްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަންނަ މަހު ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން ޕަބްލިކް ސާވިސް މީޑިއާއިންނާއި ކައުންސިލުގެ ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.