ޚަބަރު

2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި


މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 5 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް (26އ) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، ޢަބްދުﷲ ސާޖިޢު ޙަސަން (23އ) ކަމަށެވެ. މިމީހުންގެ ތެރެއިން އިސްމާޢީލް އިފްހާމް މުޙައްމަދަކީ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެކެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.