ޚަބަރު

3 ސިޔާސީ ޕާޓީއަކަށް 29 މިލިއަން ރުފިޔާ ދޫކުރަން ފޮނުވައިފި


މިއަހަރުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ސިޔާސީ ޕާޓިތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ. އެގޮތުން ނަވާވީސް މިލިއަން ތިންލައްކަ އެއްހާސް އަށްޑިހަ ތިން ރުފިޔާ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިފަހަރުވެސް ފައިސާ ދޫކުރުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނުގައި ބުނާ 10 ހާސް މެމްބަރުން ހަމަވާ ތިން ސިޔާސީ ޕާޓިއަކަށްކަމަށެވެ. އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ކަމަށެވެ. މިދިޔަ އަހަރުވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރީ އެ ތިން ސިޔާސީ ޕާޓިއަށް އެކަންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، 10،000 މެންބަރުން ހަމަވަނީ 3 ޕާޓީއެއްގައެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީއެވެ.

އެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަމަށެވެ.