ކުޅިވަރު

ޔުވެންޓަސް އާއި ވެރޯނާ ބައްދަލުކުރިމެޗް އެއްވަރު


އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ހެލަސް ވެރޯނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ވެރޯނާގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއް ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ފެޑެރީކޯ ކިއޭޒާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޔޫވެންޓަސްގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ސެރީއާގައި މިފަހަރު އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. ޔޫވެންޓަސްއިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް މިމެޗްގައި އެޓީމަށް މާ ރަނގަޅަށް ކުޅެވިފައެއް ނުވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 77 ވަނަ މިނެޓްގައި ވެރޯނާއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑާރކޯ ލަޒޮވިޗް ނަގާދިން ހުރަހަކުން އެންޓޮނިން ބަރަކްއެވެ. އަދި މެޗް ނިމެން އުޅެނިކޮށް ވެރޯނާގެ ލަޒޮވިޗަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކާމިޔާބުވާގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އިންޓަރ މިލާން އާއި ގާތް ކުރުމަށް ޔޫވޭއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އެހެން ކަމުން މިހާރު ޔޫވެންޓަސްގެ އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި އެއްވަނައިގައި އުޅޭ އިންޓަރ އާ ދެމެދުގައި ހަތް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. ދެވަނައިގާ އުޅޭ އޭސީ މިލާންއަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.