ދުނިޔޭގެ ވިޔަފާރި

އަޔާޓާއިން ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސް ތަރައްޤީކުރަނީ


ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސްގެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއިން ބުނެފިއެވެ.

އަޔާޓާއިން ތަރައްޤީކުރަމުންދާ ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސްއަކީ، ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުން ވެކްސިން ޖަހާފައިވާކަން ނުވަތަ ކޯވިޑްއަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ އެޕްލިކޭޝަނެކެވެ. އިންޓަނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަން އަޔާޓާއިން ބުނާގޮތުން ގިނަ ޤައުމުތަކެއްގައި ދަތުރުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސްގެ ސަބަބުން ވައިގެ ދަތުރުތައް އަލުން ފެށުމަށް މަގުފަހިވެގެންދާނެއެވެ.

އަޔާޓާގެ އޮފިޝަލަކު ވިދާޅުވީ މި ޑިޖިޓަލް ޕާސްގެ ސަބަބުން ދަތުރުކުރަން ބޭނުންވާ ޤައުމަށް އެތެރެވެވޭނެކަމުގެ ޔަޤީންކަން ފަސިންޖަރުންނަށް ލިބިގެންދާނެކަމަށެވެ. އަދި ޤައުމުތަކަށް އެތެރެވާ ފަސިންޖަރުންނަކީ ހުއްދަދީފައިވާ އިދާރާއަކުން ވެކްސިން ޖަހައިގެން ނުވަތަ ކޯވިޑްއަށް ޓެސްޓްކޮށްގެން އަންނަ މީހުންކަން ޤައުމުތަކުގެ އޮފިޝަލުންނަށްވެސް ޔަޤީންކުރެވޭނެކަމަށް އަޔާޓާގެ އޮފިޝަލުން ބުނެއެވެ.

އަޔާޓާގެ ޑިޖިޓަލް ޕާސް އައިއޯސް އަދި އެންޑްރޮއިޑް ޕްލެޓްފޯމުގައި ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރަމުން އަންނައިރު، މި އެޕްލިކޭޝަން ފަސިންޖަރުންނަށް ހިލޭ ލިބޭނެކަމަށް އަޔާޓާއިން ބުނެއެވެ.

އަޔާޓާއިން ޑިޖިޓަލް ޕާސްއެއްގެ މަސައްކަތްކުރަމުން އަންނައިރު، ސިންގަޕޯރ އެއަރލައިންސްއިން ވަނީ މިފަދަ ޓްރެވަލް ޕާސްއެއްގެ އަޖުމަ ބެލުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރުމަހު ފަށާފައެވެ. ސިންގަޕޯރ އެއަރލައިންސްގެ އިތުރުން އިއްތިހާދު، އެމިރޭޓްސް، ޤަތަރު އެއަރވޭސް، އެއަރ ނިއުޒިލެންޑުންވެސް ދަނީ މިފަދަ މަސައްކަތްތައް ކުރަމުންނެވެ.

އަޔާޓާއިން ބުނީ ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސްގެ މަސައްކަތް ކުރަމުން އަންނައިރު ވަރަށް ގިނަ އެއަރލައިންތަކާއި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށެވެ. އަދި އަންނަ މާޗުމަހު ޑިޖިޓަލް ކޯވިޑް ޓްރެވަލް ޕާސްގެ ބޭނުންކުރަން ފެށޭވަރުވާނޭކަމަށް އަޔާޓާއިން ބުނެއެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ސިނާޢަތަކަށް ވައިގެ ދަތުރުފަތުރުގެ ސިނާޢަތްވެފައިވާއިރު، މިއަހަރު އެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.