ދުނިޔެ

ބްރެޒިލްގެ ވެރިރަށް ލޮކްޑައުނަށް


ބްރެޒިލުގެ ވެރިކަންކުރާ ސިޓީ، ބްރެސިލިއާ ފުރަބަންދުކޮށްފިއެވެ. ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެސިލިއާގައި އެ ފިޔަވަޅު އަޅާފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ސިޓީގެ ޙާލަތު ގޯސްވުމާއި ގުޅިގެންނެވެ.

ބްރެޒިލްގެ ފެޑެރަލް ޑިސްޓްރިކްޓުގެ ގަވަރުނަރު އިބަނީސް ރޯޗާގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ފެބްރުއަރީ 27ވަނަ ދުވަހުގެ މެންދަމު 12ގެ ބްރެސިލިއާ ފުރަބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެ ޙާލަތުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދޭ ތަންތަން ފިޔަވައި އެހެނިހެން ޚިދުމަތްތައް ދޭ ފިހާރަތަކާއި ވިޔަފާރިތައް ބަންދުވާނެއެވެ. އަދި ރެސްޓޯރަންޓުތަކާއި ކެފޭތަކުންވެސް ޚިދުމަތް ދިނުންމަނާވާނެއެވެ.

ބްރެޒިލްގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ ބްރެސިލިއާގެ ހަސްފަތާލުތަކުގެ އައިސީޔޫ ވޯޑުތައް އެ ޤައުމުގައި އެންމެ ހަލުވިކަމާއިއެކު ބަލިފެތުރެމުންދިޔަ ދުވަސްވަރާއި އެއްވަރަށް އަދިވެސް ހުރީ ފުރިފައެވެ. އެ ސިޓީގެ އައިސީޔޫ ވޯޑުތަކުގައި ލިބެންހުރި އެނދުތަކުގެ 80 އިންސައްތަ ފުރިފައިވާކަމަށް ޞިއްޙަތާއި އިދާރާއިން ބުނެއެވެ.

ކޯވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވަމުންދާ ބުރެޒިލުގެ ރައީސް ޖައީޚް ބޮލްސޮނާރޯވަނީ ސިޓީތަކުގެ ގަވަރުނަރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިމެދު ހިތްހަމަނުޖެހުން ފައުޅުކުރައްވާފައެވެ. ރައީސް ބޮލްސޮނާރޯ ވިދާޅުވީ ބްރެޒިލުގެ ރައްޔިތުން އެންމެ އެދެނީ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށްކަމަށެވެ. ފުރަބަންދުކުރާ ސްޓޭޓުތަކަށް މައި ސަރުކާރުގެ ކުއްލި އެހީތެރިކަން މި ޙާލަތުގައި ފޯރުކޮށްދިނުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ރައީސް ބޮލްސޮނާރޯވަނީ ދެއްވާފައެވެ.

ބްރެޒިލުގައި މިހާތަނަށް 10.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 252،835 މީހުން މަރުވެފައިވާއިރު އެ ޤައުމު އޮތީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 65،169 މީހުންނަށް ބަލިޖެހި 1،337 މީހުންވަނީ މަރުވެފައެވެ.