ދުނިޔެ

މަރުވާ މީހުން ވަޅުލުމުގެ އިންތިޒާމްތައް ތަންފީޒުކުރަން ވަގުތު ނަގާނެ- ލަންކާ


ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ވަޅުލުން މަނާކޮށްފައި އޮތް އޮތުން އެ ޤައުމުން އުވާލިނަމަވެސް އެ ނިންމުން ތަންފީޒުކުރުމަށް ވަގުތު ނަގާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެންދުމަށް ލަންކާގެ ސަރުކާރުން މަޖުބޫރުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ލަންކާގެ ސަރުކާރުން ބުނަމުން ދިޔައީ ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާ ނަމަ ބިމު އަޑީގައި ހުންނަ ފެން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތްކަމަށެވެ. ނަމަވެސް މުސްލިމް ޖަމާޢަތްތަކުންވަނީ ލަންކާގެ ސަރުކާރުގެ އެ ނިންމުމަކީ ސައިންސްގެ ހޯދުންތަކާއި އެއްވެސް ގުޅުމެއްހުރި ނިންމުމެއް ނޫންކަމަށާއި އެ ނިންމުމަކީ ބައެއް ދީންތަކުގެ މީހުންނަށް ބޭއިޚްތިރާމްކުރުމަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި މުސްލިމުން މަރުވުމުން އެމީހުންގެ ހަށިގަނޑު އަންދާލުމުގެ ބަދަލުގައި ވަޅުލުމުގެ ފުރުޞަތު ދިނުމަށް އެ ޖަމާޢަތްތަކުން ދިޔައީ ގޮވައިލަމުންނެވެ.

ލަންކާގެ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހުގައި ވަނީ ކޯވިޑްގައި މަރުވާ މީހުން އެންދުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް، އެމީހުންގެ ހަށިތައް ވަޅުލުމުގެ ފުރުޞަތު ދިނުމަށް ޙުއްދަދޭން ނިންމާފައެވެ. މަރުވާ މީހުން އެންދުމަށް ލަންކާ ސަރުކާރުން ނިންމި ނިންމުން އުވާލާފައި މިވަނީ އެ ޤަވާއިދާއި ދެކޮޅަށް މުސްލިމުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ގޮވާލަމުންދާތާ އެތައް މަހެއް ވެފައި ވަނިކޮށެވެ. ލަންކާގެ އައު ނިންމުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އަންނަނީ މަރުޙަބާ ކިޔަމުންނެވެ.

ސަރުކާރުގެ ނިންމުމާއިގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސްރީ ލަންކާގެ ސަރުކާރުގެ އިސް އޮފޮޝަލެއްކަމުގައިވާ އަސޭލާ ގުނަވަރުދެނާ ވިދާޅުވީ މަރުވާ މީހުން ވަޅުލުމުގެ ޙުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް އެކަން ތަންފީޒުކުރުމަށް އަދި އިތުރު ވަގުތު ނަގާނެކަމަށެވެ. އޭގެ ސަބަބަކީ އެކަމާއިގުޅޭ ގައިޑްލައިންތައް މިވަގުތު ތައްޔާރުކޮށްފައި ނެތުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ގައިޑްލައިންތައް ނެރުމުގެ ކުރިން ގިނަ ކަންތައްތަކެއް ބަލައި، އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.