ޚަބަރު

ބ.ދޮންފަނު ބަނދަރުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ދޮންފަނު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ގާއެތުރުމުގެ މަސައްކަތެވެ. ގާތައް އަތުރާ ނިމުމުން ފަޅު ފުންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ދޮންފަނު ކައުންސިލުން މައުލޫމާތުދެއެވެ. މި ބަނދަރުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާއެވެ.

ދޮންފަނުގައި ބަނދަރެއް ހަދާފައިވަނީ 2000 ވަނަ އަހަރުއެވެ. އެބަނދަރު ހެދީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުންނެވެ. އެބަނދަރު ބޭނުންނުކުރެވޭވަރަށް ހަލާކުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައެވެ.
ކައުންސިލުން ބުނީ ބަނދަރު ނިމުމުން ދަތުރުފަތުރުކުރުމުގައި ރައްޔިތުން އުފުލި ތަކުލީފް ނިމުމަކަށް ގެނުވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ދޮންފަނު ބަނދަރާއެކު ބ.އަތޮޅުގެ ތިން ބަނދަރެއް ހެދުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކުރިއެވެ. އެއީ ކިހާދޫ އާއި ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތެވެ. މި ދެރަށު ބަނދަރުގެ އަމަލީ މަސައްކަތް މަރޗް މަހުގެ ތެރޭގައި ފެށޭނެކަމަށް އެމްޓީ ހޯގާޑުން މަޢުލޫމާތުދެއެވެ.

މި ތިންރަށު ބަނދަރުހެދުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކޮށްފައިވަނީ 108.3 މިލިއަން ރުފިޔާއަށް 381 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.