ޚަބަރު

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި


ރ. ދުވާފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިންނެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގެ ބިންހިއްކުމާ، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެލްޓަރެވެ.

ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ރ.ދުވާފަރަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ގިރުމާއި ގުޅިގެން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް(އައި.އެފް.އާރް.ސީ) އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ. ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ދުވާފަރުގެ މިހާރުގެ އާބާދީ 2900 އަށްވުރެ އިތުރެވެ. އާބާދީ އިތުރުވެ ދުވާފަރުގެ ބިންވަނީ މުޅިން ފުރިފައެވެ. ދުވާފަރަށް ބިން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ.

ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުއަށް މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މުޅި މަޝްރޫޢުގެ އަގަކީ 54 މިލިއަން ރުފިޔާއެވެ.

ރ.ދުވާފަރުގައި ކުރިއަށްގެންދިއުމަށް މިއަހަރަށް 7 މަޝްރޫޢުއެއް ރާވާފައިވެއެވެ. އެއީ ޖުމްލަ 53 މިލިއަން ރުފިޔާގެ މަސައްކަތްކަތެވެ. މީގެތެރެއިން ރަށުގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތަކީ، މިހާރުވެސް ރަށުގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ 90 އިންސައްތަ މަސައްކަތްވަނީ މުޅިން ނިމިފައެވެ.