ޚަބަރު

ނާއިބު ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި


ހާލުކޮޅުން ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެއްވުމަށްފަހު ނާއިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފަރުވާއަށްފަހު ނާއިބު ރައީސް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި، އަދި އެމަނިކުފާނުގެ ހާލުކޮޅުވެސް ރަނގަޅުކަމަށެވެ.

ހޮސްޕިޓަލުން ދޫކޮށްލެވުމުން ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނަށް ހެޔޮ ދުޢާ ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ ބުދަދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ނާއިބު ރައީސް އެޑްމިޓްކުރެއްވީ އާލާސްކަންފުޅާ އުޅުއްވާތީ ޑޮކްޓަރަށް ވަޑައިގެންނެވުމުން އިތުރު ފަރުވާއަށް އެޑްމިޓްކުރަންޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ކޯވިޑް-19އަށް ޓޭސްޓުކޮށްފައިވާއިރު، އެމަނިކުފާނު ވަނީ ކޯވިޑް-19އަށް ނެގެޓިވްވެފައެވެ.