ދުނިޔެ

ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ޙުއްދަ ލަންކާ ސަރުކާރުންދީފި


ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ވަޅުލުން މަނާކޮށްފައި އޮތް އޮތުން އެ ޤައުމުން އުވާލައިފިއެވެ. ސްރީލަންކާގެ އެ ނިންމުން އުވާލާފައިވަނީ އެ ޤަވާއިދާއި ދެކޮޅަށް މުސްލިމުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ގޮވާލަމުންދާތާ އެތައް މަހެއް ވެފައި ވަނިކޮށެވެ.

ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެންދުމަށް ސްރީލަންކާގެ ސަރުކާރުން މަޖުބޫރުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ލަންކާގެ ސަރުކާރުން ބުނަމުން ދިޔައީ ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާ ނަމަ ބިމު އަޑީގައި ހުންނަ ފެން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތްކަމަށެވެ. ނަމަވެސް މުސްލިމް ޖަމާޢަތްތަކުންވަނީ ލަންކާގެ ސަރުކާރުގެ ނިންމުމަކީ ސައިންސްގެ ހޯދުންތަކާއި އެއްވެސް ގުޅުމެއްހުރި ނިންމުމެއް ނޫންކަމަށާއި އެ ނިންމުމަކީ ބައެއް ދީންތަކުގެ މީހުންނަށް ބޭއިޚްތިރާމްކުރުމަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި މުސްލިމުން މަރުވުމުން އެމީހުންގެ ހަށިގަނޑު އަންދާލުމުގެ ބަދަލުގައި ވަޅުލުމުގެ ފުރުޞަތު ދިނުމަށް އެ ޖަމާޢަތްތަކުން ދިޔައީ ގޮވައިލަމުންނެވެ.

ލަންކާގެ އާބާދީގެ ބޮޑު ބަޔަކީ ބުދިސްޓުންނާއި ހިންދޫންނެވެ. ބުދިސްޓުންނާއި ހިންދޫން މަރުވުމުން އެމީހުންގެ ހަށިގަނޑު އަންދާލުމަކީ އެ ދެ ދީނުގައިވެސް އާންމުކޮށް އަމަލުކުރާ ގޮތެވެ. ނަމަވެސް މުސްލިމުން މަރުވުމުން އެ މީހުންގެ ހަށިގަނޑު ވަޅުލާންޖެހޭއިރު 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އާބާދީގެ 10 އިންސައްތަ ޙިއްޞާކުރަނީ މުސްލިމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ މި ހަފުތާގެ ތެރޭގައި ލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ދަތުރުފުޅާއި ދިމާކޮށް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ މުސްލިމް މެންބަރުންވަނީ ކޯވިޑް ޖެހިގެން މަރުވާ މީހުން އެނދުމަށް ލަންކާގެ ސަރުކާރުން ނިންމާފައިވާ ނިންމުމާއިގުޅޭ ގޮތުން ސަރުކާރާއިއެކު މަޝްވަރާކުރުމަށް އިމްރާން ޚާން އަރިހުން އެދިވަޑައިގެންފައެވެ. ލަންކާގެ ސަރުކާރުން ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ޙުއްދަ ދިނުމުން ޕާކިސްތާނުގެ ބޮޑުވަޒީރުވަނީ އެކަމަށް މަރުޙަބާ ކިޔުއްވާފައެވެ.

މި ހަފުތާގެ ތެރޭގައި 57 މެންބަރުން ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން (އޯއައިސީ)އިންވަނީ ހިއުމަން ރައިޓްސް ކައުންސިލުގައި ލަންކާއިން ގެންގުޅެމުންދިޔަ ސިޔާސަތާއިގުޅޭ މައްސަލަ ހުށަހަޅާފައެވެ. އެއާއިއެކު އޮފިސް އޮފް ދަ ހައި ކޮމިޝަނާ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރު)ގެ އިދާރާއިން ނެރުނު ބަޔާނެއްގައި އެ އިދާރާގެ ޗެއާމަން، މިޝޭލް ބަޝެލެޓުވަނީ އެ މައްސަލައަށް އަލިއަޅުވާލައްވައިފައެވެ. އެ ބަޔާނުގައި ބުނީ ލަންކާއިން ކޯވިޑް ޖެހިގެން މަރުވާ މީހުން އެންދުމަށް މަޖުބޫރުކުރުމުގެ ސަބަބުން މުސްލިމުންނާއި ކްރިސްޓިއަނުންނަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާކަމަށެވެ