ޚަބަރު

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ޖާގަދޭނެ: ހޯމް މިނިސްޓަރ


ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ފުރުޞަތު ދެއްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖުތަކާއި ގުޅިގެންނެވެ.

ރާއްޖޭގައި ކޯވިޑް 19 ފެތުރުންދާ މިންވަރަށް ބެލުމަށްފަހު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. މާލޭގައި ބަލީގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މުޒާހަރާތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީއާއި ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށް އިދިކޮޅުން ވަނީ އިއްޔެ މާލޭގައި މުޒާހަރާކޮށްފައެވެ. އަދި ފުލުހުން ވަނީ އެ މުޒާހަރާ ހުއްޓުވާފައެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުޞަތު އޮންނާނެކަމަށެވެ. ރައްޔިތުންނަށް ފަހިވާނީ އޭރުންކަމަށާއި، އެމަގަށް އެންމެ ފަހިވާނެހެން ސަރުކާރުން ފުރުޞަތު ދޭނެކަމަށްވެސް މިނިސްޓަރ ޢިމްރާން ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ވަނީ ކޯވިޑް 19 ފެތުރުން މާލެ ސަރަހައްދުގައި އިތުރުވެފައިވާ މި ނާޒުކު ދަނޑިވަޅަކީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި، ޤާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނައިރު، އެ މުޒާހަރާތަކުގައި ގައިދުރުކަމެއް ނެތި، ޞިއްހީ ބޭފުޅުން ދެއްވާފައިވާ އިރުޝާދުތަކާއި ޚިލާފަށް އަމަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ފާޅުކޮށްފައެވެ.