ކުޅިވަރު

ފްރެންކްފަޓްއާ ވާދަކޮށް ބްރޭމަން މެޗް ކާމިޔާބުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި ވަރޑަރ ބްރޭމަން އާއި އެއިންޓްރެކްޓް ފްރެންކްފަޓް ބައްދަލުކުރިމެޗް ބްރޭމަން ކާމިޔާބުކޮށްފިއެވެ. ބްރޭމަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ ފްރެންކްފަޓްގެ އަންޑްރޭ ސިލްވަރއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެޓީމުގެ ލީޑު ފުޅާ ކުރުމަށް ސިލްވަރއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެހަމަލާވަނީ ބްރޭމަންގެ ކީޕަރ ދިފާއުކޮށްފައެވެ. މިމެޗްގައި ބްރޭމަންއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 47 ވަނަ މިނެޓްގައި ޓިއޯޑޯ ގެބްރެ ސަލާސީ ޖަހައިދިން ލަނޑުންނެވެ. މިލަނޑު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ދެއްކި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެ ގޯލްވަނީ ލަނޑަކަށް ބަލާފައެވެ. އަދި މިމެޗުން ބްރޭމަން މޮޅުވި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޝް ސަރޖެންޓްއެވެ. މީގެއިތުރުންވެސް ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެން ދިޔައެވެ.

މިކާމިޔާބީއާއެކު ބްރޭމަން މިވަނީ އެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އަދި މިކާމިޔާބީއާއެކު ބްރޭމަން މިހާރު އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން ފްރެންކްފަޓް މިވަނީ އެގާރަ މެޗަށްފަހު ފުރަތަމަ ފަހަރަށް ބަލިވެފައެވެ. ފްރެންކްފަޓް މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.