ޚަބަރު

ކޯވިޑް-19 : ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިތުރު ހަފްތާއަކަށް


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރުކުރަން ނިންމައިފިއެވެ. މިއީ ފުވައްމުލަކު ސިޓީގައި ކޯވިޑް ފެތުރުން އިތުރުވަމުންދިއުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދަމަހައްޓަން ނިންމި ދެވަނަ ފަހަރެވެ.

ފުވައްމުލަކު ސިޓީގައި ކޯވިޑް-19 ފެތުރުން އިތުރުވަމުންދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އެސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދެވަނަ ފަހަރަށް އިތުރުކުރި މުއްދަތު މިއަދަށް ހަމަވާއިރު، ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފުވައްމުލަކު ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި އެސިޓީގައި ރޭގަނޑު 8 ފެށިގެން ފަތިހު 4 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުތުމާއި ޢާއްމު ތަންތަނަށް އެއްވުން ވަނީ މަނާކޮށްފައެވެ. އަދި އެސިޓީގެ ޒަރޫރީ ބޭނުމެއްނެތި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗަށް ނުކުތުމާއި ޢާއްމުތަންނުގައި އެއްވެ އުޅުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް

  • ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
  • ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން
  • ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ ޢާއްމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް، އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް ޢަމަލުކުރުން
  • ކޮލެޖް ޔުނިވަރސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން
  • ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ޚިދުމަތް ހުއްޓާލުން ( ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ )

ފުވައްމުލަކު ސިޓީގައި އަޅަފައިވާ ފިޔަވަޅުތައް އިތުރ ހަފްތާއަކަށް ދެމެހެއްޓުމަށް ނިންމާފައިވާއިރު ފުވައްމުލަކުގައި ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ގުޅުމެއް ނެތް ކޭސްއެއް ފެނި އެ ކޭސްއާ ގުޅުންހުރި އިތުރު ބަޔަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަމުން އަންނަ ނިސްބަތް މިއަހަރު ފެށުނުފަހުންވަނީ އިތުރުވެފައެވެ. މިގޮތުން އަތޮޅުތަކުންވެސް މީހުން ޕޮޒިޓިވްވަމުން އަންނައިރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.