ރާއްޖެއިން އިތުރު 133މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 19،479އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 133 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 117 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،479އަށް އަރާފައެވެ.
ވޭތުވެދިޔަ 24ގަޑިއިރު 164 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،002އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،410 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 162 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،742 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 514،619 އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.