ޚަބަރު

ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނަން - ޕޮލިސް


ކޯވިޑް-19އިގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަފައިވާ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ޚިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާވެސް ޚިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ދެކޭކަމަށާއި، އެހެންކަމުން، މިފަދަ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި،
ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ޤާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން
ނެރެފައިވާ އިއުލާނެއްގައި ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށްވަނީ އަންގާފައެވެ.