ޚަބަރު

އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ބޮލާލާނުޖަހާނެ، ވައުދު ފުއްދާނެ: ރައީސް ނަޝީދު


އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ބޮލާލައި ނުޖަހާނެ ކަމަށާއި، މިހާތަނަށްވެސް ވެފައިވާ ވައުދުތައް ފުއްދަމުންދިޔަ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރަށްވެހި ފަތިސް ކެންޕެއިން އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބާއިއެކު ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް އޮތް ހުރަސްތަކާއެކުވެސް މުޅި ރާއްޖޭގައި އެކުއެކީ ފެށިގެންދިޔަ "ރަށްވެހި ފަތިސް" ކެންޕެއިން އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ބޯހިޔާވަހިކަމުގެ ވައުދަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އެރައްޔިތުންގެ އުންމީދުތައް ހާސިލް ނުވެމިހާތަނަށް އަންނަން ޖެހުނީ އެތައް ބައެއްގެ އިހުމާލުންކަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ ފުރަތަމަ އުފެދުނު ވެރިކަމުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއްކޮށް، ފްލެޓް އަޅައި މިއަދުވެސް ރައްޔިތުން އެފްލެޓްތަކުގައި ދިރިއުޅެމުންދާކަމަށެވެ. އަދި މިސަރުކާރުން މަދު ދުވަސްތަކުގެ ތެރޭގައި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދީ ފްލެޓާއި ގޯތިދީ ވެފައިވާ ވައުދުތައް ރަނުން ރަނަށް ކަށަވަރު ކޮށްދެއްވާނެކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ވިސްނުން ނުގެން ގުޅުއްވާ ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެކަމަށެވެ. މިވެރިކަމުގައި އެމްޑީޕީން އެންމެ ފުރަތަމަ އިސްކަމެއްދިނީ މަރުކަޒީ ނިޒާމު ދޫކޮށް ލާމަރުކަޒީ ނިޒާމަކަށް ބާރު ދޫކޮށްލުމަށް ކަމަށާއި، މިހާރު މިވަނީ އެކަން ޤާނޫނުގެ ތެރެއިން ފަހިވެ ބާރުތައް ދޫކުރެވިފައިކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށްފަހު ރައްޔިތުންގެ ސީދާ ޝަކުވާ ސަރުކާރަށް އަމާޒުވުމުގެ ބަދަލުގައި އެރަށެއްގެ ކައުންސިލާ ކުރެވޭ ގޮތަށް ޤާނޫނުން ކައުންސިލްތަކަށް ބާރު ދޫކޮށްލާފައިވަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި އިންތިޚާބަށްފަހުގައި ހަގީގަތުގައި ދެން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ސަރުކާރާއި ގުޅޭގޮތުން ޝަކުވާ ކުރާންވީ ޖާގައެއް، ކުރެވޭނެ ތަނެއް ނޯންނާނެ. ތިމަންނާ ބޯފެން ތިމަންނާ ދާ ފާޚާނާ، ތިމަންނާ ރަށުގެ މަގު، ތިމަންނާ ރަށުގެ ވަޒީފާގެ ފުރުސަތު، ތިމަންނާގެ ދަރިންގެ ތައުލީމު، ތިމަންނާގެ ބޭސްފަރުވާ، ތިމަންނާގެ ދަތުރު ފަތުރު ކުރުން، ތިމަންނާގެ ދިރިއުޅުން މުޅި ހަޔާތް ހުއްޓިފައި އޮންނާނީ ކައުންސިލްގެ ވެރިކަމުގެ ދަށުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް މިއަދު ދިމާވެފައިވާ ތަރައްޤީގެ އެތައްކަމެއް ހައްލުކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ ބުރަ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ވެފައިވާ ވައުދުތަކާއި، ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވާ ކަންކަން މި ސަރުކާރުން މިފަސްއަހަރު ނިމިގެންދާއިރު ކުރާނެ ކަމާމެދު ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.