ވިޔަފާރި

ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންތަކުގެ އަދަދު 30އަށް


ރާއްޖެއަށް ދަތުރުތައް ބާއްވާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު 30އަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ 'މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް' ރިޕޯޓުގައިވާ ގޮތުން މި ދަތުރުތަކާއެކު ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކާއި ވަނީ ގުޅާލެވިފައެވެ. ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވާ 30 އެއަރލައިންގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރ ދަތުރުތައް ބާއްވާ 7 އެއަރލައިންއެކެވެ.

ރާއްޖެއަށް ޝެޑިއުލް ދަތުުރުތައް ބާއްވަމުންދާ އެއަރލައިންތަކުގެތެރޭގައި އެމިރޭޓްސް، އޭރޯފްލޮޓް، އެއަރ އިންޑިއާ، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ޤަތަރު އެއަރވޭސް، ސްޕައިސްޖެޓް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން ފާހަގަކޮށްލެވެއެވެ.

އަދި ރާއްޖެއަށް ޗާޓަރު ދަތުރުތައް ބާއްވަމުންދާ 7 އެއަރލައިންއަކީ އެއާ އަސްތާނާ، އަޒުރު އެއަރ ޔޫކްރެއިން، ގުލިވައާ، ޔޫކްރެއިން އިންޓަރނޭޝަނަލް، ސްކެޓް އެއަރވޭސް، އުޒްބަކިސްތާން އެއަރވޭސް އަދި ބުއޫ އެއަރއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އެއަރލައިންސްގެ ފްލައިޓުތަކުގައެވެ. އެގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެބްރުއަރީމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސްއިން ރާއްޖެއަށް ވަނީ 396 ދަތުރުކޮށްފައެެވެ. މި ދަތުރުތަކުގައި 35228 ފަތުރުވެރިން ރާއްޖެއަށް އައިސްވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުގައެވެ. އެގޮތުން މި މުއްދަތުގައި އެ އެއަރލައިންގެ ފްލައިޓްތަކުގައި ރާއްޖެއަށްވަނީ 24405 ފަތުރުވެރިން އައިސްފައިއެވެ.

ރާއްޖެއަށް ޗާޓަރު ދަތުރުތައް ބާއްވާ އެއަރލައިންތަކުގެތެރެއިން އެންމެ ގިނަ އަދަދަކަށް ދަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އެއަރ އަސްތާނާގެ ފްލައިޓްތަކުގައެވެ. އެގޮތުން އެ އެއަރލައިންއިން ރާއްޖެއަށް 48 ދަތުރުކޮށްފައިވާއިރު، މި ދަތުރުތަކުގައި އެ އެއަރލައިންގެ ފްލައިޓްތަކުގައި ރާއްޖެއަށް ވަނީ 5129 ފަތުރުވެރިން އައިސްފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އަޒުރު އެއަރ ޔޫކްރެއިންގެ ފްލައިޓްތަކުގައެވެ. އެގޮތުން އެ އެއަރލައިންގެ ފްލައިޓްތަކުގައި ރާއްޖެއަށްވަނީ 3874 ފަތުރުވެރިން އައިސްފައެވެ.